ބ. އޭދަފުށީގައި ކުރިއަށްދާ އޭދަފުށި ކަޕް 2025 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ހުސް ސޮނގުން ފުޓްބޯލް ކްލަބުން ސީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
އޭދަފުށީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހުސް ސޮނގުން ސީސީ ސްޕޯޓްސް ކްލަބު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ވަނީ ހަމަލާތައް އުފައްދަން އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ހާއްސަކޮށް އެޓޭކިންގައި ދެޓީމުވެސް ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، މެޗު ހުޅުވިގެން ދިޔައީ ދެވަނަ ހާފުގައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ހުސް ސޮނގުން ލީޑު ނަގާފައި ވަނީ ނަޝާހް އަހުމަދު (ނައްޓު) ގެ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. ނައްޓު އަރިމަތިން ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވައްދާލީ ދަނޑީގައި ޖައްސައިފައެވެ.
އެހިސާބުން މެޗު ފޯރިގަދަވެގެން ގޮސްފައިވާ އިރު، 62 ވަނަ މިނެޓުގައި ސީސީ ސްޕޯޓްސް ކްލަބުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހުސް ސޮނގުގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީގައި ސީސީ ސްޕޯޓްސް ކްލަބަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސްރީ ލަންކާ ފޯވަޑް ސަންތިޔާ މަރިޔަތުސް ނިތަރުޝާނެވެ.
އެ ގޯލާއެކު ނަތީޖާ ހަމަހަމަވި ނަމަވެސް، ހުސް ސޮނގުން ވަނީ އޭގެ އަށް މިނެޓް ފަހުން އަނެއްކާވެސް ލީޑު ނަގައިފައެވެ. އަރިމަތިން އަލީ އިރުފާދު ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ބަދަލަކަށް ނުކުތް ސާއިދު އަބޫބަކުރެވެ.
އޭގެފަހުންވެސް ހުސް ސޮނގުން ރަނގަޅަށް ކުޅެފައިވާ އިރު، 85 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯ ޖެހި ގޯލާއެކު ހުސް ސޮނގުން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެ ލީޑާއެކު މެޗު ނިންމާލަން ދިޔަ ނަމަވެސް، ނިތަރުޝާންގެ ދެވަނަ ގޯލަކާއެކު ސީސީ ސްޕޯޓްސް ކްލަބުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.
އެއް ގޯލަށް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ސީސީ ސްޕޯޓްސް ކްލަބަށް އިތުރު ގޯލެއް ނުޖެހި، މެޗު ކާމިޔާބުކުރީ ހުސް ސޮނގުންނެވެ.
މިފަހަރުގެ އޭދަފުށި ކަޕުވެސް ކުރިއަށް ދަނީ ހަ ޓީމާއެކުގައެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާ ސްޕޯޓްސް ކްލަބާއި އިރުމަތީ އެފްސީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ޓީމް މިޑްލް އީސްޓެވެ.
ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނޭ އިރު، މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ މިޑްލް އީސްޓާއި ވެލާ ސްޕޯޓްސް ކްލަބެވެ.
އޭދަފުށި ކަޕް
އޭދަފުށި ކަޕް
އޭދަފުށި ކަޕް