ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ރާއްޖޭގެ ތިން ރީޖަނެއްގައި މިއަހަރު ފަށާ، އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
އެފްއޭއެމްއިން އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ފުރަތަމަ ފުރުސަތު ހުޅުވާލީ އޮގަސްޓް މަހު ފަހުކޮޅުގައެވެ. އެފަހަރު ފުރުސަތު ހުޅުވާލީ ސެޕްޓެމްބަރު އެއްވަނަ ދުވަހުގެ ނިޔަލަށެވެ. އެފުރުސަތު ހުޅުވާލީވެސް ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަންޏެވެ.
އެފްއޭއެމްއިން މިއަދު ނެރުނު އިއުލާނުގައި ބުނީ އެފަހަރުގެ ފުރުސަތުގައި ގިނަ ޓީމުތަކަކުން ބައިވެރިވެފައިވާ ނަމަވެސް، ކައުންސިލާއި ކައުންސިލުން އެންޑޯޒް ކޮށްފައިވާ ކްލަބުތަކުން ބައިވެރިވި ބައެއް ރަށްރަށުގެ ކްލަބުތަކުން އިތުރު ފުރުސަތަކަށް އެދެމުންދާ ކަމަށެވެ.
"ރާއްޖޭގެ ފުޓްބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައި، އޭގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ ތިން ރީޖަންގައި މިއަހަރު ފެށުމަށް ތާވަލުކޮށްފައިވާ "އެޓޯލް ޗެމްޕިއަންޝިޕް" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން ގިނަ ރަށްތަކަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިގޮތުން، ކުރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ރަށްރަށުގެ ކައުންސިލުން ބައިވެރިކުރާ ޓީމެއް ނުވަތަ ރަށްރަށުގެ ކައުންސިލުން އެންޑޯޒް ކުރާ ޓީމުތަކަށް އެކަނި ކަމަށްވުމުން، އެރަށެއްގެ ރަށު ކައުންސިލުން، މުބާރާތުގައި ބައިވެރިވާން ބޭނުންނުވެ، އަދި ޓީމެއްވެސް އެންޑޯޒްކުރަން ބޭނުންނުވި ބައެއް ރަށްރަށުގެ، ކްލަބްތަކުން މުބާރާތުގައި ބައިވެރިވުމަށް މި އެސޯސިއޭޝަނުގައި ދަނީ އެދެމުންނެވެ." އެފްއޭއެމްއިން ބުނެފައިވެއެވެ.
އެހެންކަމުން އެފްއޭއެމްއިން ވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، 11 ސެޕްޓެމްބަރަށް އިތުރުކޮށް، ކައުންސިލުން އެންޑޯޒް ނުކުރާ ކްލަބުތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތަށް އެއް ރަށަކުން ދެޓީމު ބައިވެރިވާނަމަ، ތިންވަނަ ޑިވިޝަނަށް ފުރުސަތު ދޭނީ ގުރު ނަގައިގެން ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭއެމްއިން ނެރުނު އިއުލާނުގައި ބުނީ އިއުލާނުގައިވާ ފޯމު ކަނޑައެޅިފައިވާ މެއިލްއަށް މުއްދަތުގެ ކުރިން މެއިލް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ.
ރީޖަނަލް މުބާރާތްތަކުގެ ތާރީހުތައް
- ނޯތު ރީޖަން - 1 އޮކްޓޯބަރު 2025 އިން 30 ނޮވެމްބަރު 2025 އަށް
- ސެންޓްރަލް ރީޖަން - 15 ނޮވެމްބަރު 2025 އިން 30 ޑިސެމްބަރު 2025 އަށް
- ސައުތު ރީޖަން - 1 ޑިސެމްބަރު 2025 އިން 15 ފެބްރުއަރީ 2026 އަށް
އެފްއޭމްއިން ތިން ރީޖަނަލް ލީގުގެ ތާރީހުތައް އިއުލާނު ކޮށްފައިވާ އިރު، ދެން ކުޅޭނީ މާލޭ ރީޖަންގެ މުބާރާތެވެ. އެއީ ދެވަނަ ޑިވިޝަނުގެ މުބާރާތެކެވެ. އަތޮޅު ތެރޭގައި އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށްފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ.
ކޮންމެ ރީޖަނަކުންވެސް ޓީމެއް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަން ކުޅޭ އިރު، އެ ކޮލިފިކޭޝަނުގައި ދިވެހި ޕްރިމިއާ ލީގުގެ ހަތްވަނަ އަދި އަށްވަނަ ޓީމު ކުޅޭނެއެވެ. މިހާރު އޮތް ގޮތުން އަންނަ މަހު ފަށައި، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދާ ދެޓީމު ރެލިގޭޓް ވާނެއެވެ.
އެފްއޭމްއިން ރީޖަންތައް ބަހާފައިވާ ގޮތަށް ބަލާ އިރު، ނޯތު ރީޖަންގައި ހިމެނޭނީ ހއ، ހދ، ރ، ނ، ށ، ބގެ އިތުރުން ޅަ އަތޮޅުގެ ޓީމުތަކެވެ. ސެންޓްރަލް ރީޖަންގައި ކ، އއ، އދ، ވ، މ، ފ، ދ އަތޮޅުގެ ޓީމުތައް ހިމެނޭ އިރު، ސައުތު ރީޖަންގައި ހިމެނޭނީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ.
އެޓޯލް ޗެމްޕިއަންޝިޕް، ޓީމުތައް ބައިވެރިވާ ނިސްބަތަށް ބަލައި، ސެންޓްރަލައިޒްކޮށް ހޯސްޓް ކުރުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، ކޮންމެ ރީޖަނެއްގެވެސް ކޮލިފިކޭޝަން ބެހިގެންދަނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނާސް އަޕް ޒޯން މުބާރާތަށް ދާ އިރު، ރީޖަނަލް ލީގަށް ދާނީ ޒޯން މުބާރާތުންނެވެ.
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް