ބ. އޭދަފުށީގައި މިއަދު ފެށި، އޭދަފުށި ކަޕް 2025 ގެ ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ވެލާ ސްޕޯޓްސް ކްލަބުގެ މައްޗަށް، އިރުމަތި އެފްސީން ކުރި ހޯދައިފިއެވެ.
އޭދަފުށީ ސްޓޭޑިއަމްގައި މިއަދު މުބާރާތް ފެށުމުގެ ގޮތުން ކުޅުނު މެޗުގައި އިރުމަތިން ވެލާ ކައިރިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށުމުގެ ކުރިން މުބާރާތުގެ ޝަރަފުވެރި ޓްރޮފީ ދައްކާލާފައިވާ އިރު، މެޗު ވެގެންދިޔައީ ވާދަވެރި މެޗަކަށެވެ. ފުރަތަމަ ހާފުގެ ބޮޑު ބައެއްގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.
ކުރީކޮޅުގައި ވެލާގެ ބިދޭސީ ކުޅުންތެރިޔާ އަހްރޯރް އުމަރުޖަނޯވަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ، އިރުމަތި އެފްސީގެ ކީޕަރު އަބްދުއްސަދާދު އާދަމް މަތަކުރި އިރު، އަނެއްކޮޅުން އަބްދުﷲ ޖައުޝާން އަހުމަދު ފޮނުވާލި ބޯޅަ ވެލާގެ ކީޕަރު މިފްދާދު އަހުމަދު މަތަކުރިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، އިރުމަތިން މެޗުގެ ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. އެޓީމަށް ލީޑު ނަގައިދިނީ އަލީ ނަސީމެވެ.
އެ ގޯލާއެކު ދެވަނަ ހާފަށް ނުކުމެވެސް އިރުމަތިން ބޮޑަށް ނުރައްކާކުރި އިރު، ހާފުގެ ކުރީކޮޅިގައި އެޓީމުގެ ޕްރިންސް ލާބީ ފޮނުވާލި ބޯޅަ، މިފްދާދު ހުޝީޔާރުކަމާއެކު މަތަކުރިއެވެ.
މިއަދުގެ މެޗުން ތިން ޕޮއިންޓް ޔަގީންކުރުމަށް އިރުމަތީގެ ދެވަނަ ގޯލު އެޓީމުން ކާމިޔާބުކުރީ ކޯނަރެއްގައެވެ. ދެވަނަ ގޯލު ޖަހައިދިނީ އަފްރާހް އަބްދުލް އަޒީޒެވެ.
މިފަހަރުގެ އޭދަފުށި ކަޕުވެސް ކުރިއަށް ދަނީ ހަ ޓީމާއެކުގައެވެ. ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖު ކުރިއަށްދާ އިރު، ވެލާއާއި އިރުމަތީގެ އިތުރުން ދެން ގްރޫޕް އޭގައި ހިމެނެނީ ޓީމް މިޑްލް އީސްޓެވެ.
ގްރޫޕް ބީގައި ހުސް ސޮނގުން ފުޓުބޯޅަ ޓީމާއި ސީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އާޖީލަކަށް އޭދަފުށި ފުޓުބޯޅަ އެކަޑެމީ ހިމެނޭ އިރު، މާދަމާ އޮންނަ މެޗުގައި ވާދަކުރާނީ ހުސް ސޮނގުންނާއި ސީސީ ސްޕޯޓްސް ކްލަބެވެ.
ފުޓުބޯޅައިގެ މަގުބޫލު ރަށެއް ކަމަށްވާ އޭދަފުށީގައި މިފަހަރު ކުރިއަށްދާ އޭދަފުށި ކަޕަކީ، އެ ނަމުގައި ބޭއްވިގެންދާ ފަސްވަނަ މުބާރާތެވެ. އެންމެފަހުން މިދިޔަ އަހަރު ބޭއްވި މުބާރާތް ނެގީ ވެލާއިންނެވެ.
އޭދަފުށި ކަޕް
އޭދަފުށި ކަޕް
އޭދަފުށި ކަޕް