ސިނަމާލެ ބުރިޖު ހައިވޭ އިން ދަތުރުކުރަމުންދިޔަ ޕިކަޕެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހައިވޭ އިން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް، ޑިވައިޑަރެއްގައި ޖެހި، ޕިކަޕް ފުރޮޅާލައި އެކްސިޑެންޓެއް ވެފައިވާ މައްސަލައެއް މިއަދު މެންދުރު 12:40 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި ނަމަވެސް ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކްސިޑެންޓުގައި ޕިކަޕު، ކާރެއްގައި ޖެހުނު ނަމަވެސް ކާރަށް ބޮޑު ގެއްލުމެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސްޕީޑު ލިމިޓަށްވުރެ ބާރަށް ޕިކަޕު ދުއްވާފައިވާތީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.