މިހާތަނަށް ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ސްލޮވާކިއާ ކައިރިން ލަދުވެތި ބައްޔަކާ ކުރިމަތިވެއްޖެއެވެ.
ރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޖަރުމަނުގެ ކޯޗު، ޖޫލިއަން ނަގެލްސްމަން ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ޖަރުމަނުގެ އޮތީ ތަށި ހޯދުމުގެ ޓާގެޓެއް ކަމަށާއި، އެކަމަށް ޓީމުން ފުރިހަމައަށް މަސައްކަތްކޮށް، ވީ އެންމެ އަވަހަކަށް ކޮލިފިކޭޝަން ޔަގީންކުރާނެ ކަމަށެވެ.
އެހެން ކޯޗު ބުނި ނަމަވެސް، ރޭ ރަށުން ބޭރުގައި ޖަރުމަނު ވަނީ ސްލޮވާކިއާ ކައިރިން 2-0 އިން ބަލިވެފައެވެ. މީގެ ކުރިން ޖަރުމަނުން ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަކުން ބަލިވެފައި ނުވާ އިރު، ރޭގެ ނަތީޖާއަކީ އެޓީމަށް ލަދުވެތި ނަތީޖާއެކެވެ.
ރޭ ކުރިމަތިވި ބައްޔާއެކު، ޖަރުމަނުން އެންމެފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. ރޭގެ ކުރިން އެޓީމުން އެންމެފަހުން ކުޅުނީ ނޭޝަންސް ލީގުގައެވެ. ޖޫން މަހު ޖަރުމަނު ވަނީ ނޭޝަންސް ލީގުގައި ޕޯޗުގަލްއާއި ފްރާންސް ކައިރިންވެސް ބަލިވެފައެވެ.
ރޭގެ މެޗު ފެށިގެންވެސް ސްލޮވާކިއާއިން ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ޑޭވިޑް ހަންޗްކޯއެވެ.
ދެވަނަ ހާފަށް ނުކުމެ ޖަރުމަނުން ނުރައްކާ ކުރި ނަމަވެސް، 55 ވަނަ މިނެޓުގައި ސްލޮވާކިއާއިން ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ ޑޭވިޑް ސްޓެރެލެކެވެ.
މެޗަށްފަހު ނަގެލްސްމަން ބުނީ މެޗުގައި ޖަރުމަނުގެ ފަރާތުން އެންމެ އެކަށީގެންވާ ރޫހެއް ނުފެނުނު ކަމަށާއި، ޓީމުގެ ނަތީޖާއަށް މައާފަށް އެދޭ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން