އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް އެދިފައިވާ އެދުމަށް ރާއްޖެއިން ފުރުސަތު ފަހިކޮށްދޭން ނިންމައިފިއެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ކުޅުމުގެ އިތުރުން، ކޭމްޕްކޮށް ތިބުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެފްއޭއެމްއަށް އެހީތެރިކަމަށް އެދިފައިވާ އިރު، އެފްއޭއެމްއިން އެ އިންތިޒާމުތަކަށް މަޝްވަރާކުރީ ކުޅިވަރާ ބެހޭ މިނިސްޓްރީއާއެވެ.

މިނިސްޓްރީއާއި އެފްއޭއެމްގެ އިސް ވެރިން އިއްޔެ ބައްދަލު ކޮށްފައިވާ އިރު، މިނިސްޓްރީން ބުނީ އެ ފުރުސަތަކީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ލިބޭނެ ފުރުސަތެއް ކަމަށެވެ. އެހެންކަމުން އެކަމަށް މިސްޓްރީގެ އެއްބާރުލުން ދޭންވެސް ވަނީ ނިންމައިފައެވެ.

އެ ބައްދަލުވުމަށްފަހު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވީ ފަލަސްތީނުގެ ޒުވާން ޓީމު ރާއްޖޭގައި ކޭމްޕްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަންވަނީ ލިބިގެންގޮސްފައިވާ ކަމަށާއި، ފަލަސްތީނުގެ ޒުވާންޓީމާއި ރާއްޖޭގެ ޒުވާން ޓީމާއި ދެމެދު 12 އަދި 14 ނޮވެންބަރުގައި އެކުވެރި ކަމުގެ ދެމެޗެ ކުޅެވިގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ފުޓުބޯޅަ އިދާރާއިން އެދިފައި ވަނީ ނޮވެމްބަރު މަހުގެ އަށަކުން 19 އަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

ފަލަސްތީނުގެ ގައްޒާއަށް، އިސްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެގައުމުގެ ކުޅިވަރު ޓީމުތައް އާއްމުކޮށް ތަމްރީނުކުރަން ޖެހެނީ ގައުމުން ބޭރުގައެވެ. މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް އެތުލީޓުންނެއްވެސް ޝަހީދުކޮށްލާފައިވާ އިރު، ފުޓުބޯޅަ ކުޅުންތެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ.