މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިލޭޝަން ބިލު ބޭރުކޮށް، އާ ބިލެއް ޑްރާފްޓުކުރުމަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން މީޑިއާތަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބިލު އަވަސް އަރުވާލައިގެން ފާސްކުރުމުގެ ސަބަބެއް އޮތް ތަނެއް ނުފެންނަ ކަމަށާއި އެ ހާލަތު ވުޖޫދުގައި އޮތް ތަނެއް ނުފެންނަ ކަމަށެވެ.

"އެމްޖޭއޭގެ ފަރާތުން ސިޓީއަކުން ކޮމިޓީގައި މިހާރު އެދިފައިވާނެ މަދުވެގެން ހަތަރު މަސްދުވަހުގެ މުއްދަތެއް ދިނުމަށް. މިހާރު މިއޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމާއެކީގައި މިހާރު ހުށަހަޅާފައި މިއޮތް ބިލުގައި އެނަލިސިސްއަކާ އެކީގައި އެމްޖޭއޭގެ ފަރާތުން ރެކޮމެންޑޭޝަންސް ކޮމިޓީއަށް ގެންނަން،" އޭނާ ވިދާޅުވިއެވެ.

ޖުނައިދު ވިދާޅުވީ ކޮމިޓީން އެ ފުރުސަތުދޭނެ ކަމަށް އުންމީދުކުރާ ކަމަށާއި ރަނގަޅަށް އެކަން ކުރެވެން އޮއްވައި ގޯސްކޮށް ދިއުމަށް ޖާގަނުދިނުމަށް އެދޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެމްޖޭއޭގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވިދާޅުވީ މިއީ ޓެކްނިކަލް ގިނަ ކަންތައްތަކެއް ހިމެނޭ ވަރަށް ބޮޑު ބިލެއް ކަމަށާއި އެހެންކަމުން ވަގުތު ބޭނުންވާނެ ކަމަށެވެ.

މިނިވަން މުއައްސަސާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މީޑިއާތަކުން ވެސް ވަނީ ބިލު ބޭރުކޮށް، ނޫސްވެރިންނާއި މީޑިއާތަކާއި ސްޓޭކްހޯލްޑަރުންގެ މަޝްވަރާގެ މަތިން އާ ބިލެއްގެ މަސައްކަތްކުރުމަށް ގޮވާލައިފައެވެ. އޭގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އަދި ބްރޯޑްކާސްޓިން ކޮމިޝަން ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަދައްކައިފައެވެ.

އެ ކޮމިޓީން މިއަދު އެމްޖޭއޭ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)އާ ބައްދަލުކުރުމަށް އެޖެންޑާކުރި ނަމަވެސް، ފަހުން ވަނީ އެ ބައްދަލުވުންތައް ކެންސަލްކޮށްފައެވެ.