އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ސިލްސިލާ މުޒާހަރާއަށް ނުކުންނަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން އެ ނިންމުން ނިންމާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރެއް ފާސްކޮށްގެންނެވެ.

ތޯރިގުގެ ގަރާރު ހުށަހަޅުއްވާފައިވަނީ މި ސަރުކާރުގެ ގިނަ މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރައްވަމުންނެވެ. އެގޮތުން އިގުތިސާދީގޮތުންނާއި، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލާއި، ޝަރުއީ ދާއިރާގެ މިނިވަންކަމާއި، އަދުލު އިންސާފާއި، ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ގެނައި އިސްލާހާއި، މަޝްރޫއުތަކެއް ހުއްޓުމާއި، މީޑިއާ ކޮމިޝަން ބިލާއި، އަސާސީ ހައްގުތަކެއް ގެއްލޭ ފަދަ ގާނޫނުތަކުގެ މައްސަލައިގެ އިތުރުން ރާއްޖެ ބަނގުރޫޓުވެދާނެ ފަދަ ހާލަތެއް އައިސްދާނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެހެންކަމުން ތޯރިގު ހުށަހަޅުއްވާފައިވަނީ އޮކްޓޯބަރު ތިންވަނަ ދުވަހުން ފެށިގެން މުޒާހަރާކުރުމަށާއި، އެ މަސައްކަތް ކާމިޔާބުވުމާ ހަމައަށް ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށްގެންދިއުމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން އެ ހުށަހެޅުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.