ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަނެ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" މަޖިލީހުން ބޭރުކުރަން މީޑިއާތަކުން ގޮވާލައިފިއެވެ.
ބިލަށް މީޑިއާތަކުގެ ހިޔާލު ހޯދުމަށް ބޭއްވި، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި 30 މީޑިއާއަކުން ބައިވެރިވިއެވެ.
ހެނދުނު 11:00 އިން ފެށިގެން ގާތްގަނޑަކަށް 3:15 އާ ހަމައަށް ކުރިއަށްގެންދިޔަ، ކޮމިޓީގެ ދިގު ބައްދަލުވުމުގައި، އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ބިލު ބޭރުކުރަން، މި ބައްދަލުމުގައި ބައިވެރިވި ސަންގު ޓީވީ ފިޔަަވައި ހުރިހާ މީޑިއާތަކުން ގޮވައިލިއެެވެ.
ބިލު ބޭރުކުރަން ސަންގު ޓީވީން ގޮވައިނުލި ނަމަވެސް އެ ބިލުގައި ކަންބޮޑުވުން ހިމެނޭ މާއްދާތައް ފާހަަގަކޮށް ބައެއް މާއްދާތައް އުވާލުމަށާއި، އަނެއްބައި މާއްދާތައް އިސްލާހުކުރުމަށް ހުށަހެޅިއެވެ.
މި ބައްދަލުވުމުގައި ގިނަ މީޑިއާތަކުން ވަނީ ގާނޫނުއަސާސީން ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ހަނިވާކަން ފާހަގަކޮށްފައެވެ. އަދި ގާނޫނުއަސާސީގެ ބައެއް މާއްދާތަކާއި، ރާއްޖެއިން ސޮއިކޮށްފައިވާ ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ބިލުގައިވާ މާއްދާތައް ހިލާފުވާކަަމަށްވެސް ފާހަގަކުރިއެވެ.
ގިނާ މީޑިއާތަކުން އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ، އެ ގާނޫނުން އުފައްދަން ހިމަނާފައިވާ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވޭގޮތަަށް އޮތުމެވެ.
އޭގެ ތެެރެއިން ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮވެއްޖެނަމަ، ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަ ރިޕޯޓްކުރާ ގޮތަކުން މަޖިލިސް މެންބަރުން ހިތްހަމަނުޖެހިގެން ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ ފުރުސަތު އޮތްކަަމަށްވެސް ފާހަގަކުރިއެވެ.
ގާނޫނީވެރިކަން ދެމެހެއްޓުުގެ އަސާސްތައް ކުރިއެރުވުމަކީ މީޑިއާގެ ޒިންމާއެއްކަމަށް ބިލުގައި ހިމަނާފައިވާތީ ނޫސްތަކުން ބުނީ، ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ، ނުވަތަ ސަރުކާރު ޕްރޮމޯޓް ކުރުމަށް، ޕީއާރު މަސްކަތްކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް ނޫން ކަމަށާއި، މީޑިއާގެ މަސްއޫލިއްޔަތަކީ ޖަވާބުދާރީކުރުވުން ކަމަށެވެ.
މީޑިއާ އަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ އިރު، އަނެއް ތިން ބާރުން ކުރެ ބާރަކުން މީޑިއާ ރެގިއުލޭޓް ކުރަން އުޅުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި، ގާނޫނުހަދާ މަޖިލިސް އަމިއްލައަށް ރެގިއުލޭޓް ކުރާ އިރު، މީޑިއާއަށް ވެސް ޒިންމާދާރުކޮށް މަސައްކަތް ކުރެވޭނީ މީޑިއާ އަމިއްލައަށް ރެގިއުލޭޓް ކުރެވިގެން ކަމަށް ވެސް ވިދާޅުވިއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭގޮތަށް ބިލުގައި އޮތުމަކީވެސް ކަންބޮޑުވުމެއް ކަމަށާއި، އެގޮތަށް ބެކް ޑޭޓަށް މައްސަލަތައް ބެލުމަކީ ގާނޫނު ދަންނަ އުސޫލެއް ނޫން ކަމަށް ނޫސްތަކުން ފާހަަގަކުރިއެވެ.
މަލްޓި ޕާޓީ ޑިމޮކްރެސީއެއް ބަލައިގެންފައިވާ އިރު، މިއީ ތަފާތު ހިޔާލުފާޅުކުރަން ދޮރު ހުުވިފައި އޮންނަ ނިޒާމެއްކަން ފާހަގަކޮށް، މި ބިލުން ވަކި ފިކުރެއް ޕްރޮމޯޓްކުރަން ހިޔާލުފާޅުނުކުރެވޭ ކަމަށާއި، ގާނޫނުއަސާސީން ހުޅުވައިދީފައިވާ އެ ދޮރުން މި ބިލުން ބަންދުކޮށްފައިވާ ކަންވެސް ފާހަގަކުރިއެވެ.
ބިލުގައި މީޑިއާތަކާއި ނޫސްވެރިންނަށް އަޅާނެ ފިޔަވަޅުތައް ހިމަނާފައިވާ އިރު، މުޅި ބިލުގައި ނޫސްވެރިންނަށް އެއްވެސް ހިމާޔަތެއް ލިބިދީފައިނުވާ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރިއެވެ.
މި ބިލަކީ މަޖިލީހަށް ބަަލައިގަނެ، އިސްލާހު ކުރެވޭ ވަރަށްވުރެ ގޯސް ހަލާތެއްގައި އޮތް ބިލެއްކަން ފާހަގަކޮށް ކުރިހާ ނޫސްތަކުން މަޖިލިސް ތަޅުމުން ބިލު ބޭރުކޮށްލަން ގޮވާލާފައިވާ އިރު، މީޑިއާތައް ރެގިއުލޭޓް ކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ފުރިހަަމަ ބިލެއް މަޖިލީހަށް ހުށަހަޅަން ތާއީދުކުރާ ކަަމަށްވެސް މީޑިއާތަކުން ބުންޏެވެ.
އިބްރާހިމް ޒަކީ
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ