ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ދެކޮޅު ހަދައި އިހުތިޖާޖުކޮށް، މިހާރުވެސް އެ ބިލާ ދެކޮޅަށް ވާހަކަދައްކާ ނޫސްވެރިންނަށް މަރުގެ އިންޒާރުދީ ބިރުދައްކަމުންދާ މައްސަލަ ބަލައިދިނުމަށާއި، އެ ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

ނޫސްވެރިންނާއި، ކަމާބެހޭ މުއައްސަސާތަކުން ދެކޮޅު ހަދައި، އިހުތިޖާޖު ކުރަމުން ދަނިކޮށް، އެ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

ބިލުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެހުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އެކި ފަރާތްތަކުން މަރުގެ އިންޒާރުދީ ބިރުދައްކަމުންދާކަން ނޫސްވެރިން ފާހަގަކުރިއެވެ.

އެކަމާ ގުޅިގެން، އެފަދަ ނޫސްވެރިން ފާހަގަކޮށް، ކޮމިޓީގެ އަމިއްލަ އިސްނެގުމުގައި އެ ނޫސްވެރިންނަކީ ކޮބައިތޯ ބަަލައި އެމީހުން ފުލުހުންގެ ރައްކާތެރިކަަމަށް ކޮމިޓީން ހުށަހެޅުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

ތާއީދު ކުރެއްވީ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެ ހުށަހެޅުން ކޮމިޓީ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މީޑިއާ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އެ ބިލު އަނބުރާ ގެންދިއުމަށް މީޑިއާތަކާއި މީޑިއާއާ ގުޅުންހުރި ފަރާތްތަކުން ގޮވާލުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުންނާއި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ބިލު ދިފާއުކޮށް ވާހަކަ ދައްކަވައިފައެވެ.

މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.

މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން