އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ބްރައިޓަން ކައިރިން ބަލިވި އިރު، ލިވަޕޫލުން އާސެނަލް ބަލިކޮށްފިއެވެ.
ސިޓީން އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ އިރު، މިހާތަނަށް އެޓީމަށް ލީގުގައި ހޯދުނީ އެންމެ މޮޅެކެވެ. މިރޭގެ މެޗުގައި ބްރައިޓަން ކައިރިން 2-1 އިން ބަލިވި އިރު، އެމެޗަށް ނުކުތުމުގެ ކުރިން މިދިޔަ ހަފުތާގައި ބަލިވީ ޓޮޓެންހަމް ކައިރިންނެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ސިޓީން ރަނގަޅަށް ކުޅެ، ލީޑުވެސް ނެގީ އެޓީމުންނެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި އާލިން ހާލަންޑް ގޯލު ޖަހައިދިން އިރު، އެއީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި 100 ވަނަ ގޯލެވެ.
އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ހާލަންޑްގެ ނުރައްކާ ފެނިގެން ގޮސްފައިވާ އިރު، ބްރައިޓަންގެ ކީޕަރު ބާޓް ވާބްރެގެން ވަނީ މުހިއްމު ދެ ސޭވެއް ކޮށްފައެވެ.
ރަނގަޅު ޓެމްޕޯއެއްގައި ސިޓީން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ބްރައިޓަންއިން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކޮށްފައެވެ. ހާފުގެ ކުރީކޮޅުގައި ކައޮރޫ މިޓޯމާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، އޭގެ އިރުކޮޅެއްފަހުން ބްރައިޓަންއަށް ޕެނަލްޓީއެއް ލިބުނެވެ.
އޭރިއާ ތެރެއިން މަތެއަސް ނުނޭސް އަތުގައި ބޯޅައިން ޖެހުމުން ބްރައިޓަންއަށް ލިބުނު ޕެނަލްޓީގައި ޖޭމްސް މިލްނާ ގޯލު ޖެހި އިރު، އޭނާއަކީ މިހާތަނަށް ޕްރިމިއާ ލީގުގައި ގޯލު ޖެހި ދެވަނައަކަށް އެންމެ ދޮށީ ކުޅުންތެރިޔާއެވެ.
އެ ރެކޯޑު އޮތީ ޓެޑީ ޝެރިމްހަމްގެ އަތުގައެވެ. ޝެރިންހަމް ވަނީ އުމުރުން 39 އަހަރާއި 239 ދުވަހުގެ ތެރޭގައި ގޯލު ޖަހައިފައެވެ.
ސިޓީ ކޮޅަށް ބްރައިޓަންގެ ދެވަނަ ގޯލު ޖަހައި، ތިން ޕޮއިންޓް ޔަގީންކޮށްދިނީ ބެންޗުން ނުކުތް ބްރަޖަން ގްރޫޑާއެވެ.
އާސެނަލާއި ލިވަޕޫލްގެ ވާދަވެރިކަން މިދިޔަ ދެ ސީޒަނުގައިވެސް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިރޭގެ މެޗު އެންފީލްޑްގައި ލިވަޕޫލުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ހަމަލާތައް މަދުކޮށް ފުރަތަމަ ހާފު ފެނިގެން ގޮސްފައިވާ އިރު، އެެޓޭކިން ކުޅުންތެރިންގެ ހަރަކާތްތައް ފެނުނީ މަދުކޮށެވެ. ނުރައްކާތެރި ހަމަލާއެއް ނުފެނި ފުރަތަމަ ހާފު ނިމުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން މެޗުން ދިރުން ފެނިގެން ދިޔައެވެ.
ހާފުގެ ކުރީކޮޅުގައި ލިވަޕޫލްގެ ފްލޯރިއަން ވާޓްސްއާއި ހޫގޯ އެކެޓީކޭގެ ނުރައްކާ ބޮޑުވާން ފެށި އިރު، ލިވަޕޫލުން ދިޔައީ މަޑުމަޑުން ކުޅުން އަވަސްކުރަމުންނެވެ. އެހެން ނަމަވެސް މެޗުގެ ފަހުކޮޅާ ހަމައަށްވެސް އިތުރު ހަމަލާއެއް ނުފެނި، ބެލެވުނީ މެޗު އެއްވަރުގެން ނިމޭނެ ކަމަށެވެ.
އެކަހަލަ އޮއެވަރެއްގައި މެޗު ދަނިކޮށް، 83 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގީ ޑޮމިނިކް ޒޮބޮސްލާއީގެ އާދަޔާހިލާފު މޮޅު ހިލޭ ޖެހުމަކުންނެވެ. ޒޮބޮސްލާއީ 30 އަކަށް ޔާޑު ދުރުން ފޮނުވާލި ހިލޭ ޖެހުން، ބާރު ސްޕީޑުގައި ރަނގަޅު ތަނަށް އަމާޒުކޮށްލި އިރު، ބޯޅަ ހުއްޓުވަން އާސެނަލް ކީޕަރު ޑޭވިޑް ރާޔާއަށް ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތެވެ.
އެ ގޯލާއެކު ލިވަޕޫލުން އާސެނަލްގެ މައްޗަށް ކުރި ހޯދި އިރު، އެޓީމު މިވަގުތު އޮތީ އެއްވަނައިގައެވެ. އެއީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކުގައެވެ. ޗެލްސީ ދެވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު