އޭއެފްސީ އޭޝިއަން ކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމުން ރާއްޖޭގައި ކޭމްޕް ކުރުމަށް އެދިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗު ކުޅުމުގެ އިތުރުން، ކޭމްޕްކޮށް ތިބުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިފައިވާ ކަމަށެވެ.

އެގޮތުން ފަލަސްތީނުގެ ފުޓުބޯޅަ އިދާރާއިން އެދިފައި ވަނީ ނޮވެމްބަރު މަހުގެ އަށަކުން 19 އަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށާއި، އެކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމުގެ އިތުރުން އެކުވެރިކަމުގެ ދެމެޗަށް ސްޕޮންސާޝިޕް ހޯދުމަށް އެކްސްކޯއިން ފާސްކޮށްފައިވާ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.

ފަލަސްތީނުގެ ގައްޒާއަށް، އިސްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެގައުމުގެ ކުޅިވަރު ޓީމުތައް އާއްމުކޮށް ތަމްރީނުކުރަން ޖެހެނީ ގައުމުން ބޭރުގައެވެ. މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް އެތުލީޓުންނެއްވެސް ޝަހީދުކޮށްލާފައިވާ އިރު، ފުޓުބޯޅަ ކުޅުންތެރިންވެސް އޭގެ ތެރޭގައި ހިމެނެއެވެ.