ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން މިސްރުގެ ސީނާއަށް ބޭރުކުރުމަށް ކުރާ މަސައްކަތްތަކާ ދެކޮޅުކަން މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީ ވިދާޅުވެއްޖެއެވެ.

މިސްރުގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އައްސީސީ ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ ނައްތާލުމަށް އެ ގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވާލުމަކީ މިސްރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. މިސްރުގެ ދައުލަތުގެ މީޑިއާއިން ވަގުތުން ދުރަށް ދެއްކި މި ބައްދަލުވުމުގައި އައްސީސީ ވިދާޅުވި ގޮތުގައި، ގައްޒާގެ ރައްޔިތުން ސީނާއަށް ބަދަލުކޮށްފިނަމަ، އެ ސަރަހައްދު ވެގެންދާނީ އިސްރާއީލަށް ހަމަލާދޭ މަރުކަޒަކަށެވެ.

އައްސީސީ ފާހަގަކުރެއްވި ގޮތުގައި، ސީނާއިން އިސްރާއީލަށް ހަމަލާތަކެއް ދީފިނަމަ، އޭގެ ރައްދުގައި އިސްރާއީލުން މިސްރުގެ ބިމަށް ހަމަލާދިނުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ސަބަބުން 1979 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައިވާ ސުލްހައިގެ އެއްބަސްވުމަށް ނުރައްކާވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން މިސްރަށް ބަދަލުކުރުމާ ދެކޮޅަށް އަޑުއުފުލުމަށް މިސްރުގެ ރައްޔިތުންނަށް ގޮވާލައްވަން ޖެހިވަޑައިގެންފި ހާލަތެއްގައި، އެތައް މިލިއަން ބަޔަކު މަގުމައްޗަށް ނުކުންނާނެ ކަމަށްވެސް އައްސީސީ ވިދާޅުވިއެވެ. އައްސީސީ ވިދާޅުވި ގޮތުގައި، މިސްރުގެ ރައްޔިތުން ތިބީ ފަލަސްތީނުގެ ބިން ހުސްކުރުމާ ދެކޮޅަށެވެ.

ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އޮޕަރޭޝަންތައް ނިމެންދެން، ގައްޒާގެ ރައްޔިތުން އިސްރާއީލުގެ ނެގެވް ސަހަރާއަށް ބަދަލުކުރުމަށް އައްސީސީ ވަނީ ހުށަހަޅުއްވައިފައެވެ.

މިސްރުގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސްރުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމަކަށް އެ ގައުމުން ޖާގަ ނުދޭނެ ކަމަށެވެ.