ސެނެގާލްގެ ފޯވަޑް ނިކޮލަސް ޖެކްސަން، ބަޔާން މިއުނިކަށް ސޮއިކުރަން މިއުނިކަށް ގޮސް ހުއްޓާ، އަނބުރާ ލަންޑަނަށް ދާން ޗެލްސީން އަންގައިފިއެވެ.

ޗެލްސީން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޖޮއާއޯ ޕެޑްރޯއާއި ލިއަމް ޑެލަޕް ކްލަބަށް ގެންގޮސްފައިވާ އިރު، އެ ޓްރާންސްފާއާއެކު އެ ކްލަބުން ވަނީ ކުރިން ކުޅެމުންދިޔަ ދެ ފޯވަޑުން ކަމަށްވާ ޖެކްސަންއާއި ކްރިސްޓޮފާ އެންކުންކޫ ކްލަބުން ފޮނުވާލުމަށް މަސައްކަތް ފަށައިފައެވެ.

އެ މަސައްކަތުގައި މިދިޔަ 24 ގަޑިއިރަކީ މުހިއްމު ވަގުތުތަކެއްވެސް މެއެވެ. އެންކުންކޫ އޭސީ މިލާނަށް ދިޔަކަން ރަސްމީކޮށް އިއުލާނުކޮށްފައިވާ އިރު، އިއްޔެ ޖެކްސަންވެސް ވަނީ ބަޔާނަށް ސޮއިކުރަން މިއުނިކަށް ގޮސްފައެވެ.

އުމުރުން 24 އަހަރުގެ ޖެކްސަން ބަޔާނަށް ދިޔައީ ލޯން އެއްބަސްވުމަކަށް އެއްބަސްވެ، މެޑިކަލްއަށް ހުއްދަ ލިބިގެން ނަމަވެސް، ޗެލްސީން ވަނީ ޖެކްސަން ދޫކޮށް ނުލަން ނިންމައިފައެވެ. އެއީ އިއްޔެ ފުލަމްއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގައި ޑެލަޕަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ޑެލަޕަށް އަނިޔާވި ހިސާބުން ޖެކްސަންގެ އެޖެންޓަށް ގުޅައި، ބަޔާނަށް ސޮއި ނުކުރުމަށް ޗެލްސީން އަންގާފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ޑެލަޕްގެ އަނިޔާ ސީރިއަސް ކަމަށްވެސް ނޫސްތައް ބުނެފައިވާ އިރު، މިހާރު ޖެކްސަން އަނބުރާ ގެންދަން ޗެލްސީން ވަނީ ގަދަހިފުމަކަށް ގޮސްފައެވެ.

ޖެކްސަންގެ އެޖެންޓް، ފުލަމްގެ ކުރީގެ ފޯވަޑް ޑިއޮމަންސީ ކަމާރާ ސޯޝަލް މީޑިއާގައި ބުނީ "ފްލައިޓަކީ ފަހަތަށް ދުވާ އެއްޗެއް ނޫން،" ކަމަށާއި، ދަތުރު އޮތީ މިއުނިކަށް ކަމަށެވެ.

ޖެކްސަންގެ ޓްރާންސްފާއާ ގުޅިގެން ބަޔާންގެ ޑިރެކްޓާ އޮފް ސްޕޯޓްސް މެކްސް އެބާލް ބުނީ އެއްބަސްވުމަކަށް އައި ނަމަވެސް، ޗެލްސީން ވަނީ މެޑިކަލް ކުރިއަށް ނުގެންގޮސް މަޑުކުރުމަށް އަންގާފައި ކަމަށެވެ. އަދި ޖެކްސަން އަނބުރާ ލަންޑަނަށް ފޮނުވާލުމަށްވެސް ޗެލްސީން އަންގާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ޖެކްސަންގެ ޓްރާންސްފާއާ ގުޅިގެން ޗެލްސީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.