ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރައީސް މުއިއްޒަށް، ޝީ ޖިންޕިން އިއްޔެ ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާ އިރު ރައީސް މިއަދު ވަނީ ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން އެ ބައްދަލުވުމުގެ މައުލޫމާތު ހިއްސާކުރަމުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގުތިސޯދީ ތަރައްގީ އާއި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ސަލާމަތީ ގޮތުން އެއްބާރުލުން ދިނުމާއި ދެ ގައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން ހިމެނޭ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ޗައިނާއިން ވެވަޑައިގެންފައިވާ ވައުދު ތަކުރާރުކުރައްވައި، ނަތީޖާއަށް ބިނާކުރައްވައި ގުޅުންތައް އިތުރަށް ކުރިއަށް ގެންދެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވާ ކަމަށެވެ.

31 އޮގަސްޓި 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ތެރެއިން ޗައިނާގެ ސަރުކާރުގެ އިސްބޭފޫޅުން ----- ފޮޓޯ: ރައީސް އޮފީސް

އަދި "ކޮމްޕްރިހޭންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕް (2024 -2028)" ގެ ދަށުން، ރާއްޖެއާއި ޗައިނާގެ ގުޅުން، މަތީ ހަރުފަތަކަށް ގެންދެވުމަށް ވެސް ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި، ޗައިނާގެ ރައީސް ވަނީ އެގައުމަށް ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއް ކުރައްވާކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޗައިނާގެ ރައީސް ވަނީ، ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މިދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

31 އޮގަސްޓި 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމުގެ ތެރެއިން ދިވެހި ސަރުކާރުގެ އިސްބޭފުޅުން ----- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ދެވަނަ ފަހަރަށް ޗައިނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އުފާވެރިކަން ހިއްސާކުރައްވައި، އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާ އާއި ދެއްވި ދައުވަތާއި ދީލަތި މެހެމާންދާރީއަށްޓަކައި، ޗައިނާގެ ރައީސްއަށް ޝުކުރު އަދާކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެގައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ދެގައުމުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްދާނެކަން ކަށަވަރުކުރަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.