ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ފަހަތުން އަރައި މަޔޯކާ ބަލިކޮށްފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުން ތިން މޮޅު ހޯދާފައިވާ ރެއާލުން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ތިން މެޗުން ނުވަ ޕޮއިންޓާއެކު ރެއާލުން އެއްވަނައިގައި އޮތް އިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ 18 ވަނަ މިނެޓުގައެވެ.

ޕަބްލޯ ޓޮރޭސްގެ ކޯނަރުން މަޔޯކާއަށް ލީޑު ނަގައިދިނީ ވެދާތު މުރުގީއެވެ.

އެގޯލާއެކު މަޔޯކާއިން ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން، ދެ މިނެޓް ތެރޭގައި ދެ ގޯލު ޖަހައި ރެއާލުން ނަތީޖާ އަނބުރާލިއެވެ. ހިލޭ ޖެހުމެއްގައި ކުރިއަށް ޖެހި، 37 ވަނަ މިނެޓުގައި ޑީން ހުއިސަން ބޮލުން ހުރަސްކޮށްލި ބޯޅަ، އާދާ ގޫލާ ބޮލުން ގޯލަށް ވައްދާލި އިރު، އޭގެ މިނެޓެއް ފަހުން ރެއާލަށް ލީޑު ނަގައިދިނީ ވިނީޝިއަސް ޖޫނިއާއެވެ.

އޭރިއާ ތެރެއަށް ވަދެ، ދެ ކުޅުންތެރިން ނައްޓާލުމަށްފަހު ވިނީޝިއަސް ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.