ޗެމްޕިއަންސް ލީގު ޕްލޭ އޮފްއިން ކެޓުމާ ގުޅިގެން ފެނަބާޗޭން ކޯޗު ޖޯސޭ މޮރީނިއޯ މަގާމުން ދުރުކޮށްފިއެވެ.
ބެންފިކާއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު ޕްލޭ އޮފްއިން ފެނަބާޗޭ ބަލިވީ މީގެ ދެ ދުވަސްކުރިންނެވެ. އިސްތާމްބޫލްގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައި ވަނިކޮށް، އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގުގައި ފެނެބާޗީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާގެ ސަބަބުން ފެނަބާޗޭ އަންނަ ސީޒަނުގައި ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.
އިއްޔެ ފެނަބާޗޭން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 62 އަހަރުގެ ކޯޗު މޮރީނިއޯއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި އެދެނީ ކާމިޔާބީއަށް ކަމަށްވެސް ކްލަބުން ބުނެފައިވާ އިރު، ބީބީސީ ސްޕޯޓްސް އިން ބުނީ އެ ކްލަބުން މޯރިނިއޯ މަގާމުން ވަކިކުރި ކަމަށެވެ. އެއްބަސްވުން އުވާލީ ދެ ފަރާތް އެއްބަސްވެގެން ނޫން ކަމަށެވެ.
މޮރީނިއޯ ވަނީ މިހާތަނަށް ކެރިއަރުގައި 10 ކްލަބަކަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރޭގައި ޗެލްސީ، އިންޓަ މިލާންގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ފެނަބާޗޭ ހިމެނެއެވެ. ކޮންމެ ކްލަބެއްގައިވެސް މޮރީނިއޯ ކާމިޔާބީތައް ހޯދާ ނަމަވެސް، އޭނާގެ ފަރާތުން އާއްމުކޮށް ކޮންމެވެސް މައްސަލަތަކެއް ދިމާވެފައިވެއެވެ.
ފެނަބާޗޭއާއެކު ހުރި ދުވަސްވަރުގެ ތެރެއިން މި މަހުގެ ތެރޭގައިވެސް މޮރީނިއޯއަށް ނަސްލީ ތަފާތުކުރިކަމުގެ މައްސަލަތަކަކާ ކުރިމަތިވެފައިވެއެވެ. ތުރުކީގެ ޗެމްޕިއަން ގަލަޓަސަރާއީން އުފެއްދި އެ މައްސަލައިގައި، އެ ކްލަބުން ވަނީ ބަދަލުގެ ގޮތުގައި 1907000 ތުރުކީ ލިރާ ހޯދަން މައްސަލަ ހުށަހަޅައިފައެވެ.
އެ ތުހުމަތުތަކަށް މޮރީނިއޯ ވަނީ އިންކާރު ކޮށްފައެވެ.
އޭގެ އިތުރުން މޮރީނިއޯ ފާހަގަކުރެވުނީ ތުރުކީ ލީގުގެ ރެފްރީންނަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާ ކޯޗެއްގެ ގޮތުގައެވެ.
މޮރީނިއޯ ފެނަބާޗޭއާ ހަވާލުވީ މިދިޔަ އަހަރު ޖޫން މަހުގައެވެ.
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ
ހޯސޭ މޮރީނިއޯ