މިއީ ގައުމީ ޓީމަށް އެންމެ ފަސޭހަ ވަގުުތު ނޫންނަމަވެސް، ބޭނުން ވަނީ ސްރީ ލަންކާ ކައިރިން މޮޅުވާން ކަމަށް ގައުމީ ޓީމުގެ އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ސްރީ ލަންކާގައި ރާއްޖެއިން އަންނަ މަހު ކުޅޭ އެކުވެރިކަމުގެ ދެމެޗަކީ އެގައުމުން ރޭވި ސައުތު އޭޝިއަން ސުޕަ ކަޕް 2025 ގެ ދެމެޗެވެ. އެ މުބާރާތް ކުރިން ބާއްވަން އުޅުނީ ހަތަރު ގައުމު ނޫނީ ތިން ގައުމުގެ ދެމެދުގައި ނަމަވެސް، ދައުވަތު ގަބޫލުކުރީ ރާއްޖެއިންނެވެ. އެހެންކަމުން މިހާރު ކުޅޭނީ ދެމެޗެކެވެ.
އެދެމެޗު އޮންނާނީ އަންނަ މަހު ހައެއް އަދި ނުވައެއްގައެވެ.
"މިވަގުތު ތައްޔާރުވަމުން ލަމްކާ ދެމެޗަށް. ހުރިހާ ބޭފުޅުންނަށްވެސް އެނގިލައްވާނެ ދިވެހިރާއްޖޭގެ ފުޓްބޯޅަ މިވަގުތު އޮތް ހާލަތު، ސީޒަނެއް ނުކުޅެ ވަރަށް ގިނަ ދުވަސް ދިއުމާ އެކީގައި، ކުޅުންތެރިންގެ ވެސް ހާލަތު އެނގިލައްވާނެ. ދެން މިވަގުތު ހުރިހާ ކްލަބެއްވެސް ޕްރެކްޓިސް ފަށައިގެން މި އުޅެނީ. އެކަމަކުވެސް ދުވަސް ބޭނުންވާނެ. ދެން މިދެމެޗުގެ އުންމީދަކީ ދެ މެޗުންވެސް މޮޅުވުން، ހުރި ހުރިހާ ދައްޗަކާ އުނދަގުލަކާ އެކީގައި ނަމަވެސް ކާމިޔާބީ ހޯދުން ހަމަ އެންމެ ބޮޑު މަގްސަދަކީ، ﷲ އިރާދަކުރެއްވިއްޔާ އެކަން ކުރުމަށް ތައްޔާރު މިވަނީ،" މޯހަން އިއްޔެ ޕްރެކްޓިސްގައި ވާހަކަ ދައްކަމުން ބުންޏެވެ.
މިފަހަރު ގައުމީ ސްކޮޑު ނެގި އިރު، ގިނަ ސީނިއާ ކުޅުންތެރިންތަކަކަށް އަނިޔާވެގެ މައްސަލަ ދިމާވެފައިވެއެވެ. އެހެންކަމުން ސްކޮޑު ނެގުމުގައިވެސް އާ ކޯޗު މޯހަންއަށް ޗެލެންޖްތަކެއް ކުރިމަތިވެފައިވާ އިރު، އޭނާ ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި މިހާތަނަށް ގައުމީ ސްކޮޑަށް ނެގި އެންމެ ޒުވާން ކުޅުންތެރިޔާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މުހައްމަދު އިލާން އިމްރާންވެސް ހިމެނެއެވެ.
މޯހަން އިލާނަށް ތައުރީފުކޮށްފައިވާ އިރު، އޭނާ ބުނީ ކޮންމެ ކުޅުންތެރިއަކީވެސް ޕޮޓެންޝިއަލް ހުރި މުސްތަގުބަލު އޮތް ކުޅުންތެރިން ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ގައުމީ ސީނިއާ ކުޅުންތެރިންނާއެކު ތަމްރީނުކުރަން ފުރުސަތު ލިބުމަކީވެސް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް މޯހަން ބުންޏެވެ.
މޯހަން އިތުރަށް ބުނީ ހުނަރުހުރި ޒުވާން ކުޅުންތެރިން ގައުމީ ޓީމަށް ތައްޔާރުކުރަމަށް ސްކޮޑުގައި ހިމަނައިގެން މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު