ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ އޭނާ ދެއްކި ވާހަކަތައް ބައެއް ނޫސްވެރިންނާއި އެކިއެކި ފަރާތްތަކުން ނުބައިކޮށް މާނަކޮށްފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ނޫސްވެރިން އުލުބައިންދާންވީ ކަމަށް ވިދާޅުވެ ފަލާހު ދެއްކި ވާހަކަތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ވަނީ ފުލުހަށް ހުށަހަޅައިފައެވެ. ފުލުހުން މިރޭ ބުނީ އެ މައްސަލަ ތަހުގީގުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފަޔަކަށް އެދިފައިވާ ކަމަށެވެ.
އެގޮތަށް އެދިފައިވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
ފަލާހު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން، ޕީޖީ އޮފީހުގެ ލަފަޔަކަށް އެދުމަކީ ވަރަށް ރަނގަޅަށް ކުރި ކަމެއް ކަމަށެވެ. ފަލާހު ވިދާޅުވީ އޭނާ ޖަލުގައި އުޅޭނަމަ އެތަނުގައި އޭނާގެ ރަހުމަތްތެރިންގެ ގޮތުގައި ތިބޭނީ އެމްޑީޕީއަށް ނިސްބަތްވާ ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ދެ ބޭފުޅެއްގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ކަމަށެވެ.
އަދި ޖަލުގައި އޭނާގެ ރަހުމަތްތެރިންގެ ގޮތުގައި އެންމެ ގިނައިން ތިބޭނީ ނޫސްވެރިންކަމަށް ފަލާހު ވިދާޅުވިއެވެ.
"ސަބަބަކީ މިއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ އެފަދަ ވާހަކަތަށް ދައްކާފައިވާ ބައެއް މި ގައުމުގަ ނޫޅޭނެ. އަދި އިސްލާމްދީން ނޫން ދީންތައް މިގައުމަށް ގެނައުމަށް ވަކާލާތު ކުރި ދެވަނަ ބައެއްވެސް ނޫޅޭނެ. އަޅުގަނޑު ނޯންނާނެ މީހަކު މަރަން ބުނެފައެއް. އުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށް ވުރެމަތީތާކަށް އެރުވުމަށް. ކުރިއަށްއޮތްމަދު ދުވަސްކޮޅުތެރޭ މަތީގައި ވާރައްޓެހިންނާ ބައްދަލްވާނެކަމަށް އުއްމީދުކުރަން" ފަލާހު ވިދާޅުވިއެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލު" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލަކީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހު ވިދާޅުވެފައިވެއެވެ.
ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.
ފަލާހު އެހެން ވިދާޅުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިނުވުން ހިމެނޭ އިރު، ފަލާހް ދެއްކެވި ވާހަކަތަކަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.
އެއީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންގެ މައްޗަށް އަނިޔާވެރިވުމާއި، އެމީހުންނަށް ޖިސްމާނީ ގެއްލުންދީ، ބިރުދައްކާ ހެދުމަށް ހިތްވަރުދީ އޭނާ ދެއްކި ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
"ޒިންމާދާރު ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަނިޔާވެރިކަމަށް ގޮވާލައި ދައްކާ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ނުހަނު ބޮޑެތި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެންދޭ،" އެމްޖޭއޭއިން ބުނެފައިވެއެވެ.
އަދި އެކަމަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މުހައްމަދު އިޝާން
އިބްރާހިމް ފަލާހު
އިބްރާހިމް ފަލާހު
އަމިއްލަށް މާނަކުރާ، ރަށު ކުދިން ކިޔާގޮތް ކިޔާނީ، ރަށުގައި، ދިވެހި ބަސް މާނަކުރާގޮތް އެއޮތީ ފެންނަން އެއީ އެންމެ އާއްމު މީހާ ވެސް ދަންނަ ފަރިތަ ބަހެއް.
ފާފު - 10 މަސް ކުރިން