ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލް މަޖިލީހުން ބޭރުކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އިއްޔެވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި ބަލައިގަނެފައެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ. މިދިޔަ ހަފުތާގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. އިއްޔެ މަޖިލިސް އިދާރާދޮށަށް އެއްވެ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުވެސް ވަނީ ކޮށްފައެވެ. އޭގެ ފަހުން ރައީސް އޮފީސް ދޮށާއި މުލިއާގޭ ސަރަހައްދުގައިވެސް ނޫސްވެރިން ވަނީ މުޒާހަރާކޮށްފައެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު މަސައްކަތްކުރަމުން އަންނަނީ ރައީސް އޮފީސް ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގައެވެ. ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އާ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ބައްދަލުވުމެއްގައި އެ ބިލާ ގުޅިގެން އުޝާމް ވިދާޅުވީ އޭޖީ އޮފީހުން މިހާރު ދަނީ މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލު ދިރާސާ ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ބިލުގައި ހުރި މާއްދާތައް ދިރާސާކުރީއިރުގައި އަދި މިހާތަނަށް މި މަސައްކަތާ ގުޅޭ ގޮތުން މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި އެކިއެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް،" އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް،"
ނަމަވެސް އެ ބިލުގައި ހުރި ކަންކަމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން 2022 ވަނަ އަހަރު އޭޖީ އޮފީހަށް ޑްރާފްޓް ބިލެއް ފޮނުވާފައިވާ ކަމަށެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި އެމްއެމްސީން 2022 ވަނަ އަހަރު ހުށަހެޅި ބިލާއި މާބޮޑު ތަފާތެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.
އެމްއެމްސީން، އޭޖީއަށް އޮފީހަށް ފޮނުވި ބިލުގައި މާބޮޑަށް ހަރުކަށި ކަންތައްތަކެއް ހުރިކަމަށް އުޝާމް ވިދާޅުވިއެވެ. ނޫސްވެރިން އެ ބިލާ ގުޅިގެން ކަންބޮޑުން ފާޅުނުކޮށް، މިފަހުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ކަންބޮޑުވުން ފާޅުކުރުން އެހާ އެހާ ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް