ފެނަކަ ކޯޕަރޭޝަނުން، އައިސްޕްލާންޓު ގަތުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ހިމެނޭ ކުންފުންޏެއް ކަމަށްވާ ކައިޒާން އިންވެސްޓްމެންޓަށް ހަތް މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އައިސްޕްލާންޓު ގަތުމުގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ސައީދުގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަކަށް އަމަލުކުރުން ނުވަތަ ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލަތައް ކޯޓުގައި މިހާރު ދަނީ ކޯޓުގައި ހިނގަމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަހަރުގެ އެޕްރީލް މަހުގެ 14 ވަނަ ދުވަހު ބުނެފައިވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓު ފެނަކައަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އޭސީސީން ބުނެފައިވަނީ ކައިޒާން އިންވެސްޓްމަންޓުގެ އައިސްޕްލާންޓު ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރުގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމާފައިވަނީ، އެ ޕްރޮޖެކްޓަކީ ކުންފުންޏަށް ގެއްލުން ހުރި، "އިންޓާނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުން ހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ ކަމަށެވެ.

މާމެންދޫގައި ފިޝަރީޒް މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް ހެދުމަށް ހަމަޖެހިފައިވަނިކޮށް، ސައީދު ވަނީ ބޯޑު މެންބަރުންނަށް ދޮގު މައުލޫމާތު ދީފައި ކަމަށް އޭސީސީން ބުނެފައިވެއެވެ.

ނަމަވެސް އައިސްޕްލާންޓުގެ ޖުމުލަ އަގުގެ ތެރެއިން ލިބިފައި ނުވާ 7،251،946 ރުފިޔާއާއި އެ ފައިސާ ނުލިބުމުގެ ސަބަބުން ދައުވާ ކުރާ އިސްމާއިލް ޒާހިދު (ކައިޒާން އިންވެސްޓުމެންޓް) ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 580،155.68 ރުފިޔާ އަދި އެ ފައިސާ ހޯދުމަށް މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ޝަރީއަތުގެ ހަރަދުގައި ގޮތުގައި 100،000 ރުފިޔާއާއެކު ޖުމްލަ 7،932،101.68 ރުފިޔާ ހޯދުމަށް އިސްމާއިލް ޒާހިދު ވަނީ ސިވިލް ކޯޓުގައި މިދިޔަ އަހަރުގެ ޖުލައިމަހުގެ 29 ވަނަ ދުވަހު ދައުވާކޮށްފައެވެ.

އެ މައްސަލައިގެ ލިޔެކިޔުންތައް ފެނަކައަށް ފޮނުވުމުން، ފެނަކައިން އެދިފައިވަނީ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއްނެތި ހުކުމް ކޮށްދިނުމަށެވެ. ނަމަވެސް ދައުވާގެ ވަކި ބަޔަކަށް ފެނަކައިގެ ފަރާތުން ވަނީ ދިފާއު ހުށަހަޅައިފައެވެ.

އެގޮތުން އިސްމާއިލް ޒަހީދުގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 580،155.68 ރުފިޔާއާއި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ 100،000 ރުފިޔާ، ދައްކަން އިންކާރުކުރާކަމަށް ފެނަކައިން ބުންޏެވެ. ފެނަކައިން ބުނީ އައިސްޕްލާންޓުގެ ޖުމްލަ އަގު، ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ދައްކައިފައި ނުވުމުގެ ސަބަބުން ލިބޭނެކަމަށް ބެލެވޭ ގެއްލުން ފޫބެއްދުމަށްޓަކައި، ނުދައްކާ އޮތް ފައިސާގެ އަދަދުގެ 8 ޕަސަންޓް ހޯދުމަށް އިސްމާއިލް ޒާހިރު އެދިފައިވާއިރު، އެ އަދަދަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަދަދެއް ނޫން ކަމަށެވެ.

އެއްބަސްވުމެއް ނެތި އެގޮތަށް ހިސާބުކޮށްގެން ފައިސާ ލިބެން ޖެހޭނެ ކަމަށް ބަޔާންކުރުމަކީ މިހާލަތުގައި ޖޫރިމަނާގެ ގޮތުގައި ފައިސާ ނަގައިދިނުން ކަމުގައިވާތީ އެ ފައިސާ ދައްކަން ނުޖެހޭނެކަން ކަނޑައަޅައިދިނުމަށް ފެނަކައިން އެދުނެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ އަބްދުﷲ މައްސަލައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގެ ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލަކީ ދެ ފަރާތުން އެއްބަސްވެފައިވާ ލިިކުއިޑޭޓެޑް ޑެމޭޖްސްގެ ގޮތުގައި ހޯދުމަށް އެދިފައިވާ ބަދަލެއް ނޫންކަން ދެފަރާތުގެ ބަހުން އެނގޭ ކަމަށެވެ. ގާޒީ ވިދާޅުވީ ދައުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ބަދަލުގެ މިންވަރަކީ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ އެކަށޭނެ އެސްޓިމޭޓެއްކަމާއި، ވިޔަފާރީގެ ސައްހަ މަސްލަހަތެއް ހިމާޔަތްކުރަން އެދިފައިވާ ބަދަލެއްކަން ސާބިތު ނުވާތީ، އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން އެދިފައިވާ 100،000 ރުފިޔާ ހަރަދުކޮށްފައިވާ ގޮތާއި، ހަރަދުކޮށްފައިވާ ކަންކަމުގެ ތަފުސީލު ދައުވާކުރާ ފަރާތުން ހުށަހަޅާފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތްކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.

މި ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ދައުވާ ލިބޭ ފަރާތުން ދައްކަން އެއްބަސްވި ފައިސާ 12 ބަސް މަސްދުވަހަށް ބަހާލައިގެން ދައްކައި ނިންމުމަށް އެދިފައިވީ ނަމަވެސް ދައުވާކުރާ ފަރާތުން އެދިފައިވަނީ އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކައި ނިންމުމަށް ކަމުގައިވާތީ، ހައްގު ލިބެން ޖެހޭ ފަރާތުން އެދިފައިވާ ގޮތަށް މައްސަލަ ނިންމުމަކީ އަދުލުވެރި ގޮތްކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ހުކުމްކުރެއްވީ ފެނަކައިން، 7،251،946 ރުފިޔާ، އިސްމާއިލް ޒާހިދުއަށް ދައްކަން ޖެހޭކަމަށް ކަނޑައަޅައި އެ ފައިސާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ 580،155.68 ރުފިޔާ އަދި ޝަރީއަތުގެ ހަރަދުގައި ހޯދުމަށް އެދިފައިވާ 100،000 ރުފިޔާ، ފެނަކައިން ނަގައިދެވެން ނެތްކަން ސާބިތުވާތީ އެ ފައިސާ ނަގައި ނުދެވޭނެކަމަށް ހުކުމްކުރާ ކަމަށެވެ.