ޗެމްޕިއަންސް ލީގު ފަދަ ޔޫރަޕްގެ ފުޓުބޯޅައަށް މެންޗެސްޓާ ޔުނައިޓެޑް އަދި ތައްޔާރު ނޫން ކަމަށް ކޯޗު، ރުބެން އަމޯރިމް ބުނެފިއެވެ.

ޔުނައިޓެޑުން މިދިޔަ ސީޒަނުގެ ލީގު ނިންމާލީ 15 ވަނައިގައެވެ. ލީގު ސީޒަނުގެ ނަތީޖާ ދަށްވެ، ހާސްވާ ހިސާބަށް ގޮސްފައިވާ އިރު، އެޓީިމަށް މިދިޔަ ސީޒަނުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅުމެވެ. އެ ފައިނަލުން ޔުނައިޓެޑް ބަލިވީ ޓޮޓެންހަމް ކައިރިންނެވެ. އެ ބައްޔާއެކު އެޓީމަށް ޔޫރަޕްގެ ހުރިހާ މުބާރާތަކުން ފުރުސަތު ގެއްލުނެވެ.

"އަހަންނަށް ވިސްނޭ ގޮތުގައި ޔޫރަޕްގެ ފުޓުބޯޅަ ކުޅޭން ޔުނައިޓެޑް އަދި ތައްޔާރެއް ނޫން. ޗެމްޕިއަންސް ލީގުގެ ވަރުގަދަ މެޗުތައް ކުޅެފައި، ދެން ޕްރިމިއާ ލީގު މެޗު ކުޅެވޭ ވަރަށް ޓީމެއް ބިނާކުރުމަށް އަދި ވަގުތު ބޭނުންވާނެ،" ލީގު ކަޕްގެ ދެވަނަ ބުރުގައި ހަތަރުވަނަ ޑިވިޝަނުގެ ގްރިމްބީ ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރި މެޗުގައި ވާހަކަ ދައްކަމުން އަމޯރިމް ބުންޏެވެ.

މިހާތަނަށް މި ސީޒަނުގައި ޔުނައިޓެޑުން ކުޅުނު ދެމެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. މިހާތަނަށް ސީޒަނުގައި މޮޅެއް ހޯދިފައި ނުވާ އިރު، އަމޯރިމް ބުނީ ކުޅުންތެރިންގެ މެދުގައި ފުރަތަމަ 11 އަށް އެރުމަށް ވާދަވެރިކަމެއް އުފެދެން ޖެހޭ ކަމަށާއި، ވާދަވެރި މެޗުތަކަކަށް ސްކޮޑުގައި ތަފާތު ރޫހެއް އޮންނަން ޖެހޭކަމަށެވެ.