ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.

ދަގަނޑޭގެ އިތުރުން މިރޭ ނިއުއަށް ސޮއިކޮށްފައި ވަނީ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާ ސްޕޯޓްސް ކްލަބު ދޫކޮށްލި ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު އިރުފާން (އިރޭ)، ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އަދި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

އޭގެ އިތުރުން ނިއުއިން ވަނީ ކޯޗު އަލީ ސުޒޭންވެސް މިރޭ ރަސްމީކޮށް ތައާރަފްކޮށްފައެވެ.

މިއީ ދަގަނޑޭ ނިއުގެ ޖާޒީގައި ފެނިގެންދާ ހަތަރުވަނަ ފަހަރެވެ. އޭނާއަކީ އެ ކްލަބުގައި ރާއްޖޭގެ ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. ދަގަނޑޭ އެންމެ ފުރަތަމަ 2006 އިން 2007 އަކަށް ނިއުއަށް ކުޅެފައިވާ އިރު، އޭގެފަހުން ބުރުނާއީ ކްލަބަކާއި ވީބީއަށްވެސް ކުޅުމަށްފަހު އެނބުރި ދިޔައީ 2012 ވަނަ އަހަރުއެވެ. އެފަހަރު 100 ރެކޯޑާއެކު ސީޒަނުގެ ހުރިހާ ތަށްޓެއް ނިއުއިން ހޯދި އިރު، އެ ރެކޯޑުގައި ދަގަނޑޭގެ ހިއްސާ ބޮޑެވެ.

އެ ކްލަބާއެކު އޭއެފްސީ ކަޕްގައިވެސް މޮޅަށް ކުޅުނު ދަގަނޑޭ އެންމެފަހުން ނިއުއަށް ކުޅުނީ 2017 އިން 2018 އަށެވެ. ދަގަނޑޭ ދިވެހި ފުޓުބޯޅަ ކްލަބަކަށް އެންމެފަހުން ކުޅުނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.

އެ ކްލަބަށް ކުޅުމުގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދަގަނޑޭ ސާޖަރީއެއްކޮށް، މިހާރު ރިކަވާ ވެފައިވާ އިރު، އޭނާއަކީ ގައުމީ ޓީމަށް 98 މެޗު، 58 ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ.

26 އޮގަސްޓް 2025، ނިއު ރޭޑިއަންޓްގެ ސްކޮޑު ވަރުގަދަކުރުމަށް ކުޅުންތެރިން ގެންދިޔުމަށް ބޭއްވި އިވެންޓްގައި ދަގަނޑޭ --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ދެން މިރޭ ސޮއިކުރި ހަންނަ އެންމެފަހުން 2023 އިން ފެށިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް މުހިއްމު ރޯލެއް ކުޅެފައިވާ އިރު، އޭގެ ކުރިން އޭނާ ވަނީ އީގަލްސްގައިވެސް ވިދާލައިފައެވެ. މިހާރުވެސް ގައުމީ ޓީމުގައި ހިމެނޭ ހަންނަގެ އިތުރުން އިރޭއަކީވެސް މާޒިޔާއަށް ގިނަ ސީޒަންތަކެއްގައި ކުޅުމަށްފަހު، ނިއުއަށް ބަދަލުވި ކުޅުންތެރިއެކެވެ.

ޕީކޭ އެންމެފަހުން އެފްއޭއެމް ލީގު ކަޕްގައިވެސް ނިއުއަށް ކުޅެފައިވާ އިރު، އޭރު އޭނާ ކުޅުނީ ސަސްއިން ރިލީސް ދީގެންނެވެ. އަހުއްކޮށްވެސް ސަސްއަށް ކުޅުމަށްފަހު ނިއުއަށް ބަދަލުވެފައިވާ އިރު، ސަސް ވަނީ މިފަހަރުގެ ފުރަތަމަ ޑިވިޝަން ދޫކޮށްލައިފައެވެ.

ސަސްއިން އެ ޖާގަ ދޫކޮށްލުމުން ފުރަތަމަ ޑިވިޝަނަށް އިތުރު ކްލަބެއް ޕްރޮމޯޓް ކުރުމަށް އެފްއޭއެމްއިން ނިންމަން މަސައްކަތް ކުރާކަމަށް މައުލޫމާތު ލިބިފައިވާ އިރު، އެ މަގާމަށް އަންނާނީ ނިއުކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެއީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި އެންމެފަހުން ކުޅުނު ދެޓީމުގެ ތެރެއިން އެއް ޓީމަށްވާތީއެވެ. އެ މުބާރާތުގެ ސެމީގައި ދެން ކުޅުނު ޓެންޓް ސްޕޯޓްސް ކްލަބު ކަމަށްވީ އިރު، ނިއު އޮތީ ފުރަތަމަ ޑިވިޝަނަށް ފައްކާކޮށްފައެވެ.