އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ނިއުކާސަލް ވާދަކުރި ފޯރިގަދަ މެޗުގެ ފަހު ސިކުންތުގައި އުމުރުން 16 އަހަރުގެ ރިއޯ އެންގުމޯއާ ޖެހި ގޯލާއެކު، ލިވަޕޫލް މެޗު ކާމިޔާބު ކޮށްފިއެވެ.

ނިއުކާސަލް ދަނޑުގައި ރޭ ފެނިގެން ދިޔަ ވާދަވެރި، ފޯރިގަދަ މެޗުން ލިވަޕޫލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ޕްރިމިއާ ލީގު ފުޓުބޯޅައިގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ފެނިގެން ދިޔަ މެޗަކީ މިހާތަނަށް މި ސީޒަނުގައި ފެނުނީ އެންމެ ފޯރިގަދަ މެޗެވެ.

ނިއުކާސަލްއިން ރޭގެ މެޗަށްވެސް ނުކުތީ ސްވިޑެން ފޯވަޑް އެލެކްސެންޑާ އިސާކާ ނުލައެވެ. މެޗުގެ ކުރިން ދެ ޓީމުގެ ދެމެދުގައި އޮތީ ޓްރާންސްފާގެ ހަނގުރާމަވެސް ހޫނުވެފައެވެ. އިސާކް ހޯދަން ލިވަޕޫލުން 100 މިލިއަން ޕައުންޑަށްވުރެ މަތިން ބިޑް ކުރުމުންވެސް ނިއުކާސަލްއިން ދޫދީފައި ނުވާ އިރު، އެކަމުގައި އިސާކް ހުރީ ކްލަބާ ހިތްހަމަވެސް ނުޖެހިފައެވެ. ދެ ކްލަބުގެ ކޯޅުމާއެކު އަދިވެސް އެ ޓްރާންސްފާގެ މައްސަލަ ހައްލެއް ނުވެއެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ރޭގެ މެޗު ފޯރިގަދަވާނެ ކަމަށް ބެލެވިފައި އޮތް އިރު، ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލިވަޕޫލުން ލީޑު ނެގިއެވެ. ރަޔަން ގްރަވެންބާޗް ދުރުން ފޮނުވާލި ހަމަލާ އަރިމަތީ ދަނޑީގައި ޖެހި ގޯލަށް ވަދެގެން ލިވަޕޫލް ލީޑު ނެގި އިރު، މެޗުގެ އޮއިވަރު ބަދަލުވީ ހާފު ނިމެން ދަނިކޮށް ނިއުކާސަލްގެ އެންތަނީ ގޯޑޮންއަށް ރަތް ކާޑު ދެއްކުމުންނެވެ.

ވާޖިލް ވެން ޑައިކަށް ކުރި ނުރައްކާތެރި ޓެކުލަކަށް، ވީއޭއާރް ބަލައި، ނިންމުން ސްޓޭޑިއަމާ ހިއްސާކުރުމަށްފަހު ރެފްރީ ސީދާ ރަތެއް ދެއްކި އިރު، ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ލިވަޕޫލުން ލީޑު ފުޅާކުރިއެވެ. އެ ގޯލު ޖެހީ ފޯމުގައި ހުރި ހޫގޯ އެކަޓީކޭއެވެ.

ދެ ގޯލުގެ ލީޑަކާއެކު ލިވަޕޫލުން ތިން ޕޮއިންޓް ޔަގީންކުރި ކަމަށް ބަލައިގެން ތިއްބާ ބްރޫނޯ ގިމަރޭޝް ވަނީ 57 ވަނަ މިނެޓުގައި ފަރަގު ކުޑަކޮށްފައެވެ. އަދި ހިތްވަރާއެކު 88 ވަނަ މިނެޓުގައި ނިއުކާސަލް އެއްވަރުކުރިއެވެ. ބަދަލަކަށް އެރި ވިލިއަން އޮސޫލާގެ ގޯލާއެކު މުޅި ސްޓޭޑިއަމް ގުގުމާލި ނަމަވެސް، ލިވަޕޫލުން ފަހު ސިކުންތު މެޗުން މޮޅުވިއެވެ.

މެޗުގެ އިތުރު ވަގުތަށް 11 މިނެޓް ދައްކާފައިވާ އިރު، އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ލިވަޕޫލްގެ ގޯލު ޖެހީ އެންގުމޯއާއެވެ. އޭނާ ވެގެން ގޮސްފައި ވަނީ ލިވަޕޫލްގެ ތާރީހުގައިވެސް ޕްރިމިއާ ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

އޭގެ އިތުރުން އެންގުމޯއާއަކީ ޕްރިމިއާ ލީގުގައި ގޯލު ޖެހި ހަތަރު ވަނައަކަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. އެ ލިސްޓްގެ ހަތަރު ވަނައިގައި އޭނާ އޮތީ ޖޭމްސް ވޯގަން، ޖޭމްސް މިލްނާ އަދި ވޭން ރޫނީގެ ފަހަތުގައެވެ.