މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެފައިވާ ފޯވަޑް، އަލީ ފާސިރު (ސެންޓޭ) އަނެއްކާވެސް އެނބުރި އެކްލަބާ ގުޅިއްޖެއެވެ.

ސެންޓޭ ނިއުއާ ގުޅުނުކަން "ވަން ސްޕޯޓްސް"އަށް ވަނީ ކަށަވަރުވެފައެވެ. 2023 ވަަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅުނު ސެންޓޭއަކީ އަދިވެސް ރާއްޖޭގައި ހުރި އެންމެ އިތުބާރު އެއް ފޯވަޑެވެ. ބ. އޭދަފުއްޓަށް އުފަން އުމުރުން 36 އަހަރުގެ ސެންޓޭ މީގެ ކުރިން ނިއުއަށް ކުޅެ، އެ ކްލަބާއެކު މުހިއްމު ކާމިޔާބީތަކެއްވެސް ހޯދާފައިވެއެވެ.

އެންމެ ފުރަތަމަ 2011 ވަނަ އަހަރު ނިއުއަށް ކުޅުމަށްފަހު، އެއް ސީޒަނަށް ސެންޓޭ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުމަށްފަހު 2013 ވަނަ އަހަރު އޭނާ އަނެއްކާވެސް އެ ކްލަބާ ގުޅިފައިވެއެވެ. އެފަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއް ނިއުއިން ކާމިޔާބުކުރިއެވެ. އެއީ ޗެރިޓީ ޝީލްޑާއި ދިވެހި ލީގުގެ އިތުރުން އެފްއޭ ކަޕާއި ޕްރެސިޑެންޓްސް ކަޕެވެ. އެފަހަރު ނިއުއިން މުބާރާތްތައް ކާމިޔާބުކުރީ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާއެކުގައެވެ.

އޭގެ އިތުރުން އޭއެފްސީ ކަޕުގައިވެސް ނިއުއަށް ސެންޓޭ މޮޅަށް ކުޅެފައިވާ އިރު، ދެން ޖެހިގެން އައި ސީޒަނުގައިވެސް ސެންޓޭއަކީ ނިއުގެ ޓޮޕް ސްކޯރާއެވެ. އެފަހަރު 23 ގޯލު ސެންޓޭ ކާމިޔާބުކުރިއެވެ.

ސެންޓޭ 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވި ނަމަވެސް، 2017 ވަނަ އަހަރު އަނެއްކާވެސް ނިއުއަށް ގޮސްފައިވާ އިރު، އޭނާ އޭގެފަހުން ދެން 2019 އިން 2022 އަށް ކުޅުނީ ކްލަބު އީގަލްސްއަށެވެ.

ސެންޓޭ 2023 ވަނަ އަހަރު މާޒިޔާއަށް ބަދަލުވެ، އެ ކްލަބާއެކުވެސް މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

ސެންޓޭ މިހާތަނަށް ގައުމީ ޓީމަށްވެސް 70 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ.

ނިއުއިން މިވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ނަމަވެސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުން، އެ ކްލަބުގެ ބަދަލުގައި އެ ޖާގައަށް ނިއު އަންނަން މަސައްކަތް ކުރާ ކަމަށް އަޑު ފެތުރިފައިވެއެވެ.

ނިއުގެ އާ ކޯޗަކަށް އަލީ ސުޒޭން ގެންގޮސްފައިވާ އިރު، ސެންޓޭ ފަދަ ކުޅުންތެރިން ގެންދިޔުމުގެ ފަހަތުގައި ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް ނުކުތުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.