ބަޔާން ލެވަކޫސަންއަށް ކުޅެމުންދާ އެކުއެޑޯގެ ޑިފެންޑަރު ޕިއޭރޯ ހިންކަޕިއޭ ހޯދަން އާސެނަލުން މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.

އާސެނަލުން ވާތް ފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިއެއް ހޯދަން މަސައްކަތްތަކެއް ކުރަމުންދާ އިރު، އުމުރުން 23 އަހަރުގެ ހިންކަޕިއޭއަކީ އެ ޓީމުގެ ސްކައުޓުން ގާތުން ބަލާފައިވާ ކުޅުންތެރިއެއް ކަމަށް ނޫސްތައް ބުނެފައިވެއެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ހިންކަޕިއޭގެ އެޖެންޓާއި އާސެނަލުން މަޝްވަރާ ކުރަމުންދާ ކަމަށާއި، އަދި މަޝްވަރާ ކުރަމުންދަނީ ސީދާ ކުޅުންތެރިޔާއާއެކު އެއްބަސްވުމަކަށް އައުމަށް ކަމަށެވެ.

ހިންކަޕިއޭ ލެވަކޫސަންއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އޭނާގެ ރިލީސް ފީއަކީ 52 މިލިއަން ޕައުންޑެވެ. އެ އަގު އާސެނަލުން ދައްކާފާނެ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ހިންކަޕިއޭއަށް ޓޮޓެންހަމްއިންވެސް ދަނީ ފާރަލަމުންނެވެ.

ހިންކަޕިއޭ ލެވަކޫސަންއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އެ ކްލަބަށް އޭނާ 166 މެޗު ކުޅެފައިވާ އިރު، ނޫސްތައް ބުނެފައި ވަނީ އާސެނަލަށް ހިންކަޕިއޭ ގެންދެވެން އޮތީ ސެންޓަ ބެކް ޔަކޫބް ކިވިއޯ ޕޯޓޯއަށް ފޮނުވާލުމަށްފަހު ކަމަށެވެ. އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

އާސެނަލުން މިހާތަނަށް މި ޓްރާންސްފާ ވިންޑޯގައި 200 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ އިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ކުޅުންތެރިން ވިއްކުމުގެ މަސައްކަތެވެ.