ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައި އޮތް ސަރަހައްދުން މިއަދު ހަވީރު މަރުވެފައި އޮއްވައި ފެނިފައިވަނީ، ގެއްލިގެން ހޯދަމުންދާ ބިދޭސީއެއްކަން އެނގިއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ވޯޓާ ތީމް ޕާކެއް ހަދަން ދޫކުރި ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކަމުގެ މައުލޫމާތު ލިބުމާއެކު "ވަން"ގެ ނޫސްވެރިއެއް އެ ސަރަހައްދަށް ގޮސް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ފުޅަ އަޅައިފައެވެ. އަދި އެ މީހާއަކީ ކާކުކަން ދެނެނުގަނެވޭ ވަރަށް ހަށިގަނޑު ޑީކޮމްޕޯސްވެފައިވާކަން އެނގިފައިވެއެވެ.
އެނގިފައިވާ ގޮތުގައި، އެ މީހާގެ ހަށިގަނޑު ފެނުނުއިރު ކަރުގައި ވާގަނޑެއް އޮތެވެ. ނަމަވެސް އެ މީހާ މަރުވީ އަމިއްލައަށް ކަމެއް ނުވަތަ އެއީ ބަޔަކު ކުރިކަމެއް ސާފެއް ނޫނެވެ.
ހަށިގަނޑު އޮތްތަނަށް ފުލުހުންނާއި ފޮރިންސިކް ޓީމަކާއި ޑޮކްޓަރުންގެ ޓީމެއް ގޮސް، އެތައް އިރަކު އުޅުމަށްފަހު ހަށިގަނޑު ބޮޑީ ބޭގަށް ލައިގެން ހުޅުމާލެ ސަހަރާއަށް ގެންދިޔައީ މިރޭ 7:45 ހާއިރުއެވެ.
މަރުވި މީހާގެ އާއިލާގެ މީހަކު "ވަން" އަށް މައުލޫމާތު ދިން ގޮތުގައި، އަދި އެހެން މަސްދަރަކުންވެސް "ވަން" އަށް މައުލޫމާތުދީފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ނޭޕާލަށް ނިސްބަތްވާ 29 އަހަރުގެ ރޫޕަން ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ވޯކް ޕާމިޓްގައިވާ ގޮތުން އޭނާއަކީ ރާއްޖޭގެ ކުންފުންޏެއްގައި އިލެކްޓްރިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
ރޫޕަންގެ އާއިލާގެ މީހަކު "ވަން" އަށް ބުނީ މަރުވެފައި އޮއްވައި ފެނުނީ ރޫޕަންކަން ފުލުހުން އަދި ކަށަވަރުކޮށްނުދިން ނަމަވެސް އެއީ ރޫޕަންކަން އޭނާއަށް 90 ޕަސަންޓު ޔަގީންވާ ކަމަށެވެ. އެއީ އަތުގައި އޮތް ވާ ކޮޅާއި އެ ނޫންވެސް ބައެއްކަހަލަ އެއްގޮތް ނިޝާންތައް ހުރުމުން ކަމަށް އޭނާ ބުންޏެވެ.
ރޫޕަންއަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މީހެކެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުއެވެ.
ފުލުހުންގެ މަސްދަރަކުން "ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނު ހަށިގަނޑު މަރުވެފައި އޮންނަތާ 3-4 ދުވަސް ވެދާނެއެވެ. އެހެންކަމުން އެއީ ރޫޕަންގެ ހަށިގަނޑަށްވުން ވަަރަށްވެސް ގާތެވެ.
ފުލުހުން މިހާރު އަންނަނީ ރޫޕަން ދިރިއުޅޭ ތަނުން އޭނާގެ ބައެއް ސާމާނު ގެންގޮސް ޑީއެންއޭ ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން