ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މީޑިއާ ކޮމިޝަންގެ ބިލުގައި، ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާތީ، އެކަން އިސްލާހުކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލުގައި އޮންނަ ގޮތުން، ހަތް މެންބަރުންގެ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން ވޯޓުލައިގެން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބޭ އިރު، ނައިބު ރައީސް އިންތިހާބުކުރަނީ ކޮމިޝަން މެންބަރުންގެ ތެރެއިން ވޯޓުލައިގެންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ ރާއްޖޭގެ ކަންކަން ފުރިހަމަގޮތުގައި ގެންދިއުމުގައި އެންމެންގެ ވެސް ޒިންމާތަކެއް އެބައޮތް ކަމަށާއި އެއީ ސިޔާސީ ޕާޓީތައް ކަމުގައިވިޔަސް، އެހެނިހެން ޖަމިއްޔާ ޖަމާއަތްތައް ކަމުގައިވިޔަސް، އަދި މީޑިއާ ކަމުގައިވީ ނަމަވެސް، ކޮންމެ ފަރާތެއްގެ ވެސް ޒިންމާތަކެއް އޮންނަ ކަމަށެވެ.

މީޑިއާތައް ކޮންޓްރޯލުކުރުމަކީ އެ މަނިކުފާނުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން ކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ ޕާޓީން، ޕީއެންސީގެ މެންބަރުންނަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ. އެ ބިލުގައި ހުށަހަޅާފައި އެބައޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެކޭ، އެ ބިލު ފާސްވެގެން ގާނޫނަކަށް ވަންޏާ، ވާއިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. އެގޮތަކަށް އަޅުގަނޑު އެކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައިވާނެ އިސްލާހުކުރާ މަރުހަލާއަކަށް ގޮސްފި ނަމަ، އިސްލާހު ކުރާ އިރުގައި، އެ އުފެދޭ ކޮމިޝަންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާންވާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް މީޑިއާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން މި ސަރުކާރުން ބޭނުންނުވާ ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކީގައި އޮޕަރޭޓުކުރާ ބަޔަކަށް ކަމަށެވެ. އަދި ކޮމިޝަންގެ ރައީސް އައްޔަންކުރަން ވެސް ބޭނުންފުޅުވަނީ، ކޮމިޝަންގެ މެންބަރުންގެ ވޯޓަކުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އެއްވެސް ވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް ބޭނުމެއް ނޫން، މީޑިއާ ރެގިއުލޭޓްކުރުމުގައި ވިޔަސް، އަދި ބެލެހެއްޓުމުގައި ވެސް އޮންނާކަށް. އަޅުގަނޑު ދެކޭގޮތުގައި އޮންނަންވާނީ ފުރިހަމަ މިނިވަންކަން އޮންނަގޮތަށް، ދެފުށް ފެންނަގޮތަށް، ޒިންމާދާރުކަމާއެކު ހިންގޭ މީޑިއާއެއް ގޮތުގައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ތެދުބަހުން މައުލޫމާތު ފަތުރައި، ކަންކަމުގެ ދެކޮޅު ބަލައި ހަގީގަތް އޮޅުންފިލުވައިގެން ތެދު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މަޖިލީހުގައި މިހާރު އޮތް ބިލުގައި ފާހަގަވާ އަނެއް ކަމަކީ މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ އަދަދުތައް ބޮޑުވުމެވެ. ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އެ ބިލުގައިވާ ގޮތުން މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެއެވެ.