އާސެނަލަށް ކުޅެމުންދާ އިންގްލެންޑްގެ ވިންގް، ބުކަޔޯ ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ކްލަބުން ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ސަކާ، ފަލަމަސްގަނޑަށް އަނިޔާވެ ބާލަން ޖެހިފައި ވަނީ ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އާސެނަލުން ބުނެފައި ވަނީ ސަކާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން ގެއްލޭނީ ހަަތަރު ހަފުތާ ދުވަހުގެ ކުޅުން ކަމަށާއި، އެއީ ހީކުރި ވަރަށްވުރެ ކުޑަ އަނިޔާއެއް ކަމަށެވެ.

ސަކާއަށް މިދިޔަ ސީޒަނުގެ ތެރެއިންވެސް ފަލަމަސްގަނޑުގެ އަނިޔާއަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެފަހަރު އޭނާއަށް ތިން މަސް ދުވަހުގެ ކުޅުން ގެއްލިފައިވެއެވެ.

ސަކާގެ އަނިޔާގެ ސަބަބުން އާސެނަލަށް އޮތް އެންމެ ބޮޑު ހާސްކަމަކީ އަންނަ ހަފުތާ އާދީއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ގެއްލުމެވެ. މިދިޔަ ސީޒަނުގެ ލީގު ހޯދި ލިވަޕޫލާ ދެކޮޅަށް އާސެނަލުން ކުޅޭ މެޗަކީ މުހިއްމު މެޗަކަށްވާނެއެވެ. އާސެނަލް މިދިޔަ ސީޒަނު ލީގުގެ ދެވަނައިގައި ނިންމާލި އިރު، އެޓީމަށް ތަށި ނުލިބުނީ 10 ޕޮއިންޓުގެ ފަރަގަކުންނެވެ.

އޭގެ އިތުރުން ސަކާއަށް ގައުމީ ޓީމުގެ މެޗުތަކެއްވެސް ގެއްލޭނެއެވެ. އެގޮތުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އިންގްލެންޑުން އެންޑޯރާއާއި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުވެސް ސަކާއަށް ގެއްލޭނެއެވެ.

އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށްވެސް އެންމެފަހުން މެޗުގައި އަނިޔާވެފައިވާ އިރު، ލިވަޕޫލް މެޗުގައި އޭނާއަށް ކުޅެވޭނެކަމުގެ ޔަގީންކަމެއްވެސް ނެތެވެ.

އެޓޭކްގައި ސަކާ ނެތްތައް ދައްކާނެ ނަމަވެސް، އާސެނަލްގެ ފޯވަޑް ލައިނަށް އަލަށް އިތުރުވި އެބެރެޗޭ އެޒޭއަކީ އެޓީމަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.