ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ރެއާލް އޮވިއެޑޯ ކައިރިން 3-0 އިން މޮޅުވެއްޖެއެވެ.

ރޭ ރެއާލުން ރަށުން ބޭރުގައި ކުޅުނު މެޗުން ފުރިހަމަ މޮޅެއް ހޯދި އިރު، އެޓީމުން ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި އޮސަސޫނާ ކައިރިން ހޯމްގައިވެސް ވަނީ 1-0 އިން މޮޅުވެފައެވެ.

ޒަބީ އެލޯންސޯއާއެކު މިހާތަނަށް ރެއާލުން ލީގުގައި ކުޅުނު ދެމެޗުގައިވެސް ކޮޅަށް ގޯލެއް ނުވައްދައި، ހަތަރު ގޯލު ޖަހާފައިވާ އިރު، އަލަށް ގެންދިޔަ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެންނަމުންދެއެވެ.

ރޭގެ މެޗު ފެށިގެންވެސް ރެއާލުން ޑޮމިނޭޓްކުރަމުން ގޮސްފައިވާ އިރު، ހާފު ނިމެންދަނިކޮށް އެޓީމުން ލީޑުވެސް ނެގިއެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަށް އެމްބާޕޭ ފޮނުވާލި ހަމަލާ ގޯލާ އަމާޒުކޮށްލައި، ރެއާލުން ލީޑު ނަގާފައިވާ އިރު، ދެވަނަ ހާފުގައިވެސް ޑޮމިނޭޓް ކުރީ ރެއާލުންނެވެ.

އެޓީމަށް ގޯލެއް ޖަހަން ބައެއް އުނދަގޫތަކާ ދިމާވެފައިވާ އިރު، ފުރަތަމަ 11 ގައި ހިމަނައިގެން ކުރިއަށް ނެރުނު އުމުރުން 18 އަހަރުގެ ފްރޭންކޯ މަސްޓަންޓުއޯނޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ 83 ވަނަ މިނެޓުގައި އެމްބާޕޭގެ ދެވަނަ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަށް އެސިސްޓް ކޮށްދިނީ ބަދަލަކަށް ނުކުތް ވިނީޝިއަސް ޖޫނިއާއެވެ.

އެ އެސިސްޓަށްފަހު، ބްރަހީމް ޑިއާޒް ދިން ބޯޅައެއް ގޯލަށް ވައްދާލައިގެން ރެއާލްގެ ތިންވަނަ ގޯލު ޖެހީވެސް ވިނީޝިއަސްއެވެ.