އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ފުލަމްއާ އެއްވަރުވެއްޖެއެވެ.
މިހާތަނަށް ސީޒަނުގައި ކުޅުނު ދެމެޗުންވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މިހަފުތާ ފުލަމްއަ ދެކޮޅަށް ނުކުމެ، 1-1 އިން އެއްވަރުވި އިރު، އޭގެ ކުރީ ހަފުތާގައި އާސެނަލް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ ސީޒަންވެސް ޔުނައިޓެޑަށް ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެޓީމުން ނިންމާލީ ލީގު ތާވަލުގެ 15 ވަނައިގައެވެ. އެ ނަތީޖާއާއެކު މައްސަލަތައް ހައްލުކުރުމަށް މިހާތަނަށް ޓްރާންފާއަށް 200 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައިވާ އިރު، އަދިވެސް އެޓީމުގެ ފޯމު ފެންނަނީ އެންމެ ރަނގަޅަކަށް ނޫނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑުގެ މަތެއަސް ކޫންޔާއަށް ކުރީކޮޅުގައި ލިބުނު ފުރުސަތު އޭނާ އަތުން ބޭކާރުވިއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ޔުނައިޓެޑަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ފުލަމްގެ ކަލްވިން ބައްސޭ އޭރިއާ ތެރެއިން، މޭސަން މައުންޓަށް ކުރި ފައުލުގައި ލިބުނު ޕެނަލްޓީ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ނަމަވެސް ދިޔައީ މާ ބޮޑަށްވެސް މަތިން ބޭރަށެވެ.
އެއީ 2023 ވަނަ އަހަރު ޑިސެމްބަރު މަހަށްފަހު ފެނާންޑޭޒް އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.
އެ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ލެނީ ޔޯރޯ ޖެހި ބޯޅައެއް، ފުލަމް ކުޅުންތެރިއެއްގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޯލަށް ވަނެވެއެވެ. އެ ގޯލާއެކު ޔުނައިޓެޑުން ލީޑު ނެގި އިރު، ފުލަމްއިން އެއްވަރުކުރީ އެމީލް ސްމިތު ރޯވް ޖެހި ގޯލުންނެވެ.
ފަހުކޮޅުގައި ފުލަމްއިން ނުރައްކާކުރި ނަމަވެސް، އެޓީމަށް ދެވަނަ ގޯލެއް ނުޖެހުނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު