މާލެ މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ފްލޯގައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި ރޯވެ، އެޕާޓްމަންޓަކަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މ. އަފްޒާގެ ހަވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ހަވަނަ ފަންގިފިލާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:43 ހާއިރު ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔާ އެންޑް ރެސްކިއުއިން ޓީމުން ކުރި މަސައްކަތުން 16 މިނެޓު ތެރޭ އަލިފާން ނިވާލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. އަދި އެޕާޓްމަންޓްގެ އެތެރެއަށް އަލިފާން ފެތުރުމުގެ ސަބަބުން އެޕާޓްމަންޓަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން "އެކްސް" ގައި ބުނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން އެޕާޓްމަންޓްގައި ދިރިއުޅޭ އަންހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހަރަދު ހަމަޖައްސާދީފައިވާ ކަމަށެވެ.