ފުރަތަމަ ހާފުގައި ކޮޅަށް ދެ ގޯލު ވަދެފައި އޮއްވައި، ދެވަނަ ހާފަށް ނުކުމެ ނަތީޖާ އަނބުރާލައިގެން ބާސެލޯނާއިން ލަ ލީގާގެ މި ސީޒަނުގައި ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

ބާސާއިން ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފެށުން ގޯސްކޮށް ގޮސްފައިވާ އިރު، އެޓީމު ކޮޅަށް ފުރަތަމަ ހާފުގައި ދެ ގޯލު ވަނެއެވެ. އެ ދެގޯލު ވަދެފައި ވަނިކޮށް ނަތީޖާ އަނބުރާލައި، ރަށުން ބޭރުގައި ބާސާ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ވެގެން ދިޔައީ ބާސާއަށް އުނދަގޫ ހާފަކަށެވެ. މެޗުގެ 15 ވަނަ މިނެޓުގައި ލެވަންޓޭއިން ވަނީ ލީޑުވެސް ނަގައިފައެވެ. ބާސާގެ ފަހަތުން ހެދި ގޯހެއްގައި ލެވަންޓޭއަށް ލީޑު ނަގައިދިނީ އިވާން ރޮމޭރޯއެވެ.

ހާފު ނިމުމުގެ ކުރިން ލެވަންޓޭއިން ލީޑު ފުޅާވެސް ކުރިއެވެ. އެއީ އަމިއްލަ އޭރިއާ ތެރެއިން އެލެހާންޑްރޯ ބާލްޑޭ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީގައެވެ. ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޯސޭ ލުއިސް މޮރާލެސްއެވެ.

ބާސާއިން ދެވަނަ ހާފަށް ނުކުތީ ބަދަލުތަކަކާއެކުގައެވެ. މާކަސް ރަޝްފޯޑުގެ ބަދަލުގައި ޑެނީ އޮލްމޯ ކުޅެން ނެރެެފައިވާ އިރު، މާކް ކަސަޑޯގެ ބަދަލުގައި ގަވީވެސް ކުޅެން ނުކުތެވެ. ހާފު ފެށިގެން ފަސް މިނެޓްވެސް ނުވަނީސް ޕެޑްރީ ގޯލެއް ޖަހައި ފަރަގު ކުޑަކުރި އިރު، 52 ވަނަ މިނެޓުގައި ރަފީނިއާ ދިން ބޯޅައެއްގައި ފެރާން ޓޮރެސް ވަނީ ބާސާއަށް އެއްވަރު ކޮށްދީފައެވެ.

މެޗު ނިމިނިމި އޮއްވާ ބާސާއިން ތިން ޕޮއިންޓް ޔަގީންކޮށްފައި ވަނީ ލެވަންޓޭގެ އުނައި އެލްގެޒަބަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭނާ އަތުން ބޯޅަ ގޯލަށް ވަނީ ލަމީން ޔަމާލް އަރިމަތިން ނަގައިދިން ބޯޅައެއް ސާފުކުރަން އުޅުމުގެ ތެރޭގައެވެ.