ރޭ ހޮން ކޮންގައި ކުޅުނު ސައުދީ ސުޕަ ކަޕުގެ ފައިނަލުގައި އަލް އަހްލީން، ޕެނަލްޓީގައި އަލް ނަސްރު ބަލިކޮށްފިއެވެ.

މިދިޔަ އަހަރު އޭޝިއާގެ އެންމެ މަތީ ފަންތީގެ މުބާރާތް، އޭޝިއަން ޗެމްޕިއަންސް ލީގުގެ ތަށިވެސް ހޯދި އަހްލީން ރޭގެ މެޗުގައި އަލް ނަސްރު ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މެޗު ޕެނަލްޓީއަށް ދިޔައީ 2-2 އިން ނަތީޖާއަކުން އެއްވަރުވުމުންނެވެ.

މިހާތަނަށް ނަސްރާއެކު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތަށްޓެއް ހޯދިފައި ނުވާ އިރު، ހަތަރު ޓީމު ވާދަކުރި ސައުދީ ސުޕަ ކަޕްގެ ފައިނަލަށް އެޓީމު ދިޔައީ އަލް އިއްތިހާދު ކަޓުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ރޮނާލްޑޯގެ ޕެނަލްޓީއަކުން ނަސްރު ލީޑު ނެގި އިރު، އެއީ އޭނާގެ ކެރިއަރުގައި އެ ކްލަބަށް ޖަހައިދިން 100 ވަނަ ގޯލެވެ.

އެ ގޯލާއެކު ހާފު ނިމެން ދަނިކޮށް، ފްރޭންކް ކެސީ މެޗުގެ ނަތީޖާ ހަމަހަމަ ކުރި އިރު، ދެވަނަ ހާފުގައިވެސް ލީޑު ނެގީ ނަސްރެވެ. އެއީ މާސެލޯ ބްރޮޒޮވިޗް ޖެހި ގޯލުންނެވެ. އަހްލީން މެޗު އެއްވަރުކޮށް ޕެނަލްޓީއަށް ގެންދިޔައީ 89 ވަނަ މިނެޓުގައި ރޯޖާ އިބަނޭޒް ޖެހި ގޯލުންނެވެ.

ޕެނަލްޓީއަށް ގޮސް ނަސްރަށް ނާކާމިޔާބުވީ އަބްދުﷲ އަލް ހައިބަރީ ފޮނުވާލި ޕެނަލްޓީ ނުވަނުމުންނެވެ. ދެޓީމުންވެސް އެހެން ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ.