ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށް އަމާޒުކޮށް ޔަމަނުގެ ހޫތީން ފޮނުވާލި ދެ ކްރޫޒް މިސައިލް ވައްޓާލުމާ ގުޅިގެން ފޭބި ބައިތަކުން ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ސައުދީ ސިވިލް ޑިފެންސްއާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ ދެ އަންހެނަކަށާއި ފިރިހެނެއްގެ އިތުރުން ކުޑަކުއްޖަކަށެވެ. މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން ރިޔާދުގެ މީހުން ދިރިއުޅޭ ސަރަހައްދެއްގެ 15 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ސިވިލް ޑިފެންސްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި، އީރާނުގެ މަދަދު ލިބޭ ކަމަށް ބުނާ ހޫތީ ޖަމާއަތުން ފޮނުވާލި މި ދެ މިސައިލް ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލައިފައެވެ. މިސައިލްގެ ބައިތައް ވެއްޓިފައިވަނީ އާންމުން ދިރިއުޅޭ ހިސާބުތަކަށެވެ. މި ހާދިސާއާ ގުޅިގެން އަޅާން ޖެހޭ ކުއްލި ހާލަތުގެ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ބުނެފައިވާ ގޮތުގައި، ރިޔާދުގެ އިތުރުން އެ ގައުމުގެ އެހެން ބައެއް ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާލި އިތުރު މިސައިލްތަކަކާއި ޑްރޯންތަކެއް ވެސް ވަނީ ވައްޓާލައިފައެވެ. އޭގެ ތެރޭގައި އަލް-ހަރްޖް ސަރަހައްދަށް ފޮނުވާލި ކްރޫޒް މިސައިލެއް ހިމެނޭ ކަމަށް ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވިއެވެ.
ހަމައެއާއެކު، ސައުދީގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޒަހްރާންގައި ހުންނަ ސައުދީ އަރާމްކޯގެ އިމާރާތަކަށް ވެސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި ހަމަލާގެ ސަބަބުން ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެ ވުޒާރާއިން ބުނެއެވެ. ނަމަވެސް މި ހަމަލާތަކުގެ ސީދާ މަގުސަދާ ގުޅޭގޮތުން ހޫތީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް