ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން އިތުރު ހަމަލާއެއްގައި އެކަކު މަރުވެ 11 މީހަކު ޒަހަމްވެއްޖެއެވެ.
ސައޫދީ އެވިއޭޝަން އޮތޯރިޓީން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓުގެ ޓާމިނަލް ހަތަރަކަށެވެ. ހަމަލާއާ ގުޅިގެން އެ ސަރަހައްދުގައި އަލިފާން ރޯވެފައިވެއެވެ. މިއީ އިއްޔެ އެއާޕޯޓަށް ދިން ނުރައްކާތެރި މިސައިލް ހަމަލާއަށްފަހު، އެއާޕޯޓުގެ ޚިދުމަތްތައް މެދުކަނޑާލާފައި ވަނިކޮށް ދެވުނު އިތުރު ހަމަލާއެކެވެ.
އިއްޔެ ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާގައި 13 މީހަކު މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އެއީ ފާއިތުވި ދުވަސްތަކުގައި އެއާޕޯޓަށް އަމާޒުވި އެންމެ ނުރައްކާތެރި ހަމަލާއެވެ. އިއްޔެގެ ހަމަލާއާ ގުޅިގެން އެއާޕޯޓުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވަނިކޮށް މިވަނީ އިތުރު ހަމަލާއެއް ދީފައެވެ.
ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފައިވަނީ މިއީ ސައޫދީން ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ރައްދުގައި ދޭ ހަމަލާތަކެއް ކަމަށެވެ. ސައޫދީގެ އެއާޕޯޓުތަކާއި ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް އެއާލައިންތަކަށާއި ދަތުރުވެރިންނަށް ހޫތީން ވަނީ އިންޒާރު ދީފައެވެ.
މި ހަމަލާތަކާ ގުޅިގެން ސައޫދީގެ ދިފާއީ ބާރުތަކުން ވަނީ އެއާޕޯޓު ސަރަހައްދަށް އަމާޒުވި އިތުރު މިސައިލެއް ވައިގެ ތެރެއިން ވައްޓާލައިފައި ކަމަށް ހަބަރުތައް ބުނެއެވެ. މެދުއިރުމަތީގެ މަޝްރަހު އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، ސައޫދީ އިއްތިހާދުން ވަނީ ހޫތީންގެ މި އަމަލުތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ބުނެފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް