ޔަމަނުގެ ހޫތީން ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ އެއާޕޯޓަކަށް ދިން މިސައިލް ހަމަލާއެއްގެ ސަބަބުން، އެތާ ތިބި އުމްރާވެރިންތަކަކަށް އަސަރުކޮށްފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލަށް އެރި މިސައިލް ހަމަލާގައި 13 މީހަކު މަރުވެ، 300 މީހަކަށް ވަނީ އަނިޔާވެފައެވެ.

ސައުދީ މީޑިއާތަކާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އުމްރާވެރިންގެ ގްރޫޕެއް ގޮވައިގެން އުޅުނު ބަންގްލަދޭޝްގެ އިމާމަކު ވެސް ހިމެނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ވެސް އުމްރާވެރިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައްކާއާއި މަދީނާއަށް ހަމަލާ ނުދޭނެ ކަމަށް ހޫތީން ބުނެފައިވީ ނަމަވެސް، ސައުދީ އަރަބިއްޔާގެ އެހެން އެއާޕޯޓުތަކަށް އެ ޖަމާއަތުން ދަނީ ހަމަލާދެމުންނެވެ. މައްކާގައި ހުރި އުރުދުންގެ އުމްރާވެރިއެއް ކަމަށްވާ ފާދީ އަންވަރު ބުނި ގޮތުގައި، އޭނާއާއި އޭނާގެ އާއިލާގެ ސަލާމަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. ކަމާބެހޭ ފަރާތްތަކުން ފޯނަށް ފޮނުވާ އިންޒާރުގެ މެސެޖުތަކުގެ ސަބަބުން ބިރުގަންނަ ކަމަށް އޭނާ ބުންޏެވެ.

ސައުދީ އަރަބިއްޔާގެ ރަސްމީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެ ގައުމަކީ ރައްކާތެރި ތަނެކެވެ. އަދި ގައުމަށް ޒިޔާރަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ހުޅަނގުގެ ބައެއް ގައުމުތަކުން ވަނީ ސައުދީ އަރަބިއްޔާގެ ގިނަ އެއާޕޯޓުތައް ބޭނުންކުރުމުގައި ސަމާލުވުމަށް އަންގާފައެވެ.