މި ސީޒަނަށް އަލަށް ގެންދިޔަ ސްވިޑެންގެ ފޯވަޑް ވިކްޓޯ ޔޯކެރޭޝް ޖަހައިދިން ދެ ގޯލާއެކު، އާސެނަލުން ތަފާތު ބޮޑުކޮށް ލީޑްސް ބަލިކޮށްފިއެވެ.

މިރޭގެ މެޗަކީ މި ސީޒަނުގެ ލީގުގައި އެޓީމުން ކުޅުނު ފުރަތަމަ ހޯމް މެޗެވެ. މެޗު، 5-0 އިން ކާމިޔާބުކޮށް އާސެނަލުން ވަނީ ދެ މެޗުން ދެ މޮޅާއެކު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އާސެނަލުން މިރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑް ކައިރިން 1-0 ގެ ނަތީޖާއަކުން ކުރި ހޯދާފައި އޮވެގެންނެވެ.

މިހާތަނަށް ކުޅުނު ދެމެޗުގައިވެސް އާސެނަލުން ކްލީން ޝީޓް ދަމަހައްޓާފައިވާ އިރު، މިއީ އެޓީމަށް ވަރުގަދަ ފެށުމެކެވެ. މިދިޔަ ދެ ސީޒަނުގައިވެސް ލީގު ތާވަލުގެ ދެވަނައިގައި ނިންމާލި އާސެނަލުން މިރޭގެ މެޗު ފެށީ ސަޕޯޓަރުންނަށް އުފާވެރި ހަބަރަކާވެސް އެކުގައެވެ.

ކްރިސްޓަލް ޕެލެސްއިން ގެންދިޔަ އެބެރެޗީ އެޒޭ، މެޗު ފެށުމުގެ ކުރިން ސަޕޯޓަރުންނަށް ދައްކާލާފައިވާ އިރު، ފުރަތަމަ މިނެޓުން ފެށިގެންވެސް އާސެނަލުން ނުރައްކާ ކުރިއެވެ. ޔޯކެރޭޝްއަށް ކުރީކޮޅުގައި ލިބުނު ހުސް ފުރުސަތު އޭނާ އަތުން ބޭކާރުވެގެން ދިޔަ އިރު، އެޓީމުން ލީޑު ނެގީ 34 ވަނަ މިނެޓުގައެވެ.

އެއީ ކޯނަރަކުން ކަމިޔާބުކުރި ގޯލެކެވެ. ޔުނައިޓެޑް ކައިރިންވެސް އާސެނަލުން ކޯނަރަކުން ގޯލު ޖަހާފައިވާ އިރު، މިރޭގެ މެޗުގައި އެޓީމަށް ލިބުނު ކޯނަރު ގޯލަށް ވައްދާލީ ޖޫރިއެން ޓިމްބާއެވެ.

ހާފު ނިމެން ދަނިކޮށް، ބުކަޔޯ ސަކާ ޖެހި ހިތްގައިމު ގޯލަކުން އާސެނަލް ލީޑު ފުޅާކުރި އިރު، ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ޔޯކެރޭޝް ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހައިފައެވެ. އަރިމަތިން ދެ ކުޅުންތެރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ތިރީ ކަނަށެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ޓިމްބާގެ ދެވަނަ ގޯލަކާއެކު އާސެނަލުން ހަތަރު ވަނަ ގޯލު ޖެހި އިރު، އޭގެ އިރުކޮޅެއް ކުރިން ސަކާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އެއީ މިރޭގެ މެޗުގައި އާސެނަލަށް ކުރިމަތިވި ހަމައެކަނި މާޔޫސްކަމެވެ.

ސަކާގެ ބަދަލުގައި ކުޅެން ނުކުތީ ލެއާންޑްރޯ ޓްރޮސާޑެވެ.

މިރޭގެ މެޗުގައި އާސެނަލުން ބަދަލެއްގެ ގޮތުގައި އުމުރުން އެންމެ 15 އަހަރުގެ މެކްސް ޑޯމަން ކުޅެން ނެރެފައިވާ އިރު، އާސެނަލްގެ ފަސްވަނަ ގޯލަކީ އޭނާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެއްގައި ޔޯކެރޭޝް ޖެހި ގޯލެކެވެ.