ކުރިން ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން އަލީ ސުޒޭން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

ސުޒޭނަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. ނިއުއާ ހަވާލުވިކަން ސުޒޭން ވަނީ "ވަން ސްޕޯޓްސް"އަށް ޔަގީންކޮށްދީފައެވެ. ސުޒޭން ބުނީ އެ ކްލަބާ ހަވާލުވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށާއި، ނިއުގެ ޕްރޮޖެކްޓަކީ އޭނާ ވަރަށް ޝައުގުވެރިވާ ޕްރޮޖެކްޓެއް ކަމަށެވެ.

މިއީ ނިއުގެ ބެންޗުން ސުޒޭން ފެންނާނެ ފުރަތަމަ ފަހަރެވެ.

ސުޒޭން އެންމެފަހުން ފެނުނީ ގައުމީ ޓީމުގެ ކޯޗުކަމުގައި މަސައްކަތް ކުރިތަނެވެ.

ނެދަލެންޑްސްގެ މާޓިން ކޫޕްމަން އަދި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާއެކުވެސް ސުޒޭން ގައުމީ ޓީމާއެކު މަސައްކަތްކޮށްފައިވާ އިރު، ކޫޕްމަން ވަކިކުރުމުން 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައިވެސް ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ހުރީ ސުޒޭނެވެ.

އޭގެފަހުން 2023 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި މޮރިއޭރޯގެ އެސިސްޓެންޓަކަށް ހުރި ސުޒޭން ހެޑް ކޯޗުކަމާ ހަވާލުވީ މޮރިއޭރޯ މަގާމުން ވަކިކުރި ހިސާބުންނެވެ. އޭނާ ގައުމީ ކޯޗުކަމުން އަމިއްލައަށް ވަކިވީ މިއަހަރު ޖޫން މަހުގައެވެ.

ސުޒޭންއަކީ މީގެ ކުރިން ނިއުގެ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެކެވެ. އޭގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްގައިވެސް ސުޒޭން މަސައްކަތް ކޮށްފައިވާ އިރު، އޭނާ ވަނީ ކެރިއަރުގައި އެތައް ތަށްޓެއް ހޯދައިފައެވެ.

ނިއު މިވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ނަމަވެސް، އެ ކްލަބުން އަލުން ފުރަތަމަ ޑިވިޝަނުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބައެއް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. އެ ކްލަބުގެ ޗެއާމަން އަހުމަދު މުބީން، މީގެ ދުވަސް ކޮޅެއް ކުރިން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ނިއުގެ ބޮޑެތި ކަންތައްތަކެއް އެބަ އަންނަ ކަމަށާއި އެކަންކަން އިއުލާނުކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވާހަކައެވެ.

"ވަން ސްޕޯޓްސް" އާ ވާހަކަ ދެއްކި ކްލަބެއްގެ އިސް ފަރާތަކުން ބުނީ ނިއުއިން ފުރަތަމަ ޑިވިޝަނަށް އަންނަ މަސައްކަތް ކުރަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފުރަތަމަ ޑިވިޝަން ދޫކޮށްލުމުން، އެ ކްލަބުގެ ބަދަލުގައި ކަމަށެވެ. އެއީ ނިއުއަކީ ދެވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމު ކަމަށްވާތީ، އެ ނިންމުން ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.