އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ޓޮޓެންހަމްއިން ކުޅުނު ދެވަނަ މެޗުގައި މިއަދު މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ޓޮޓެންހަމްއިން މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ބާންލީ ކައިރިން މޮޅުވެފައި އޮތް އިރު، ސިޓީން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ވުލްވްސް ބަލިކޮށްފައި އޮވެގެންނެވެ.

ރަނގަޅު ފެށުމެއް ދެމެހެއްޓުމަށް ދެޓީމުން މިއަދުގެ މެޗަށް ނުކުތް އިރު، ސިޓީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޓޮޓެންހަމް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގައިވެސް ސިޓީ ދަނޑުގައި ޓޮޓެންހަމްއިން ވަރުގަދަ މޮޅެއް ހޯދި އިރު، މިދިޔަ ނޮވެމްބަރު މަހު ކުޅުނު މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ސިޓީގެ އޮމަރް މަރްމޫޝްއަށް ދެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ޕެޑްރޯ ޕޯރޯ ބޮލުން ނައްޓައިގެން ދިޔަ ބޯޅައެއްގައި މަރްމޫޝް ފޮނުވާލި ހަމަލާ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، އޭގެފަހުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ޓޮޓެންހަމްގެ ގޯލްކީޕަރު ގުގްލިއޭމޯ ވިސާރިއޯއެވެ.

އޭގެފަހުން އާލިން ހާލަންޑް ފޮނުވާލި ހަމަލާވެސް ވިސާރިއޯ މަތަކުރި އިރު، ސްޕާސްއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އެޓީމުން ލީޑު ނެގިއެވެ. މެޗުގެ 35 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ ފުރުސަތެއްގައި ސްޕާސްއަށް ލީޑު ނަގައިދިނީ ބްރެނަން ޖޯންސަންއެވެ. އެއީ ރިޗާލިސަން ތިރިތިރިން ހުރަސް ކޮށްދިން ބޯޅައެއްގައި އޭނާ ޖެހި ގޯލެކެވެ.

ހާފު ނިމެން ދަނިކޮށް ސްޕާސްއިން ލީޑު ފުޅާވެސް ކުރިއެވެ. އެއީ ޒުވާން ކީޕަރު ޖޭމްސް ޓްރެފޯޑުގެ ގޯހަކުން ސްޕާސްއިން ޖެހި ގޯލެކެވެ. އެޑަސަން މިރޭގެ މެޗުގައިވެސް ފެނިގެން ގޮސްފައި ނުވާ އިރު، އޭނާގެ ބަދަލުގައި ފުރަތަމަ 11 އަށް ނުކުތް ޓްރެފޯޑު އޭރިއާ ތެރެއިން ޖައްސާލި ބޯޅަ ރިޗާލިސަން ހޯދައި ތަނަވަސްކުރި ފުރުސަތުގައި ގޯލު ޖެހީ ޖާއޯ ޕައުލީނިއާއެވެ.

އޭގެފަހުންވެސް ކީޕަރުގެ ބައެއް ގޯސްތައް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ހާފުގައި ސިޓީން ގޯލަކަށް ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ. ސްޕާސްއިން ރަނގަޅަށް ޑިފެންސް ކޮށްފައިވާ އިރު، ސިޓީގެ ރަޔަން އައިތު-ނޫރީއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އޭނާއަކީ ސީޒަނަށް ގެންދިޔަ ކުޅުންތެރިއެކެވެ.