ރޭ ވެސްޓް ހޭމްއާ ދެކޮޅަށް އަވޭގައި ކުޅުނު މެޗުން މޮޅުވެ، ޗެލްސީން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅެއް ހޯދައިފިއެވެ.

ޗެލްސީން ރޭގެ މެޗު ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއަކީ ޗެލްސީން ފުރަތަމަ މެޗުގެ މާޔޫސްކަން ފިލުވާލަން ލިބުނު ރަނގަޅު ނަތީޖާއެކެވެ. އެޓީމުން ރޭގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން 0-0 އިން އެއްވަރުވެފައި އޮވެގެންނެވެ.

އަނެއްކޮޅުން ވެސްޓް ހޭމްއަށް ފެށުން މިދަނީ ގޯހުން ގޯހަށެވެ. ފުރަތަމަ މެޗުގައި ސަންޑަލޭންޑް ކައިރިން ތަފާތު ބޮޑު ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރޭގެ ނަތީޖާއާ އެކު އެތައް ސަޕޯޓަރުންނެއް ވަނީ ޓީމަށް ނުރުހުން ފާޅުކޮށް، މެޗުގެ މެދުތެރެއިން ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.

ޗެލްސީއަށް މެޗުން ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ ވާމް އަޕްގައި އެޓީމުގެ ތަރި ކޯލް ޕާމާއަށް އަނިޔާވުމެވެ.

ޕާމާގެ ބަދަލުގައި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އެސްޓެވާއޯ ވިލިއަމް ފުރަތަމަ 11 ގައި ހިމަނައިގެން ޗެލްސީން މެޗަށް ނުކުމެފައިވާ އިރު، ވެސްޓް ހޭމްއިން ވަނީ ކުރީކޮޅުގައި މެޗުގެ ލީޑު ނަގައިފައެވެ.

ލޫކަސް ޕަކޭޓާ، ހާފުގެ މެދެއްހާ ހިސާބުން ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި އެ ގޯލާއެކު ޗެލްސީއަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ކުރިމަތިވި ނަމަވެސް، އެ ގޯލަށް މާ ގިނައިރެއް ނުވެ، 15 ވަނަ މިނެޓުގައި ޗެލްސީން އެއްވަރު ކުރިއެވެ.

އެއީ ކޯނަރެއްގައި ޖުއާއޯ ޕެޑްރޯ ޖެހި ގޯލެކެވެ. އޭގެފަހުން ވެސްޓް ހޭމްގެ ނިކޮލަސް ފުލްކްރޫގް ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް، އެ ބޯޅައަށް ފުރުސަތު ތަނަވަސްކުރި އިރު، ވެސްޓް ހޭމްގެ ޔާން-ކްލެއާ ޓޮބީޑޯ އޮތީ އޮފްސައިޑުގައެވެ. ރެފްރީ އެ ނިންމުން ނިންމީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމުގެ ބޭނުން ކޮށްގެންނެވެ.

ޖުއާއޯ ޕެޑްރޯގެ ގޯލަށް ގާތްގަނޑަކަށް 11 މިނެޓްފަހުން ޗެލްސީން ލީޑު ފުޅާވެސް ކުރިއެވެ. ޕެޑްރޯ ނެޓޯގެ ގޯލުން ޗެލްސީ ލީޑު ނެގި އިރު، އެގޯލާއެކު ޗެލްސީން ތަފާތު ފޯމެއްގައި ކުޅެމުން ގޮސް، ހާފު ނިމުމުގެ ކުރިން ތިންވަނަ ގޯލެއް ޖެހިއެވެ.

އެސްޓެވާއޯ އަރިމަތިން ދެމިގަނެ، ކަނޑާލި ބޯޅަ ގޯލަށް ވައްދާލީ އެންޒޯ ފެނާންޑޭޒްއެވެ.

ދެވަނަ ހާފު ފެށިތަނުންވެސް އެންޒޯއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، ދެން ޗެލްސީން ޖެހި ދެ ގޯލަކީވެސް ކޯނަރުން ޖެހި ދެ ގޯލެވެ. އެ ގޯލުތައް ޖެހީ މޮއިސެސް ކައިސޭޑޯއާއި ޓްރެވޯ ޗަލޮބާއެވެ.

ޗެލްސީން މެޗުގެ ފަހުކޮޅުގައި ޑޮމިނޭޓްކޮށް ކުޅުނު އިރު، އެސްޓެވާއޯ އާއި ލިއަމް ޑެލަޕަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.