މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ދާން ބޭނުންވާ ކުޅުންތެރިން އެބަތިބި ކަމަށާއި، އެ ކުޅުންތެރިން ނުވިއްކުނު ނަމަވެސް އާ ކުޅުންތެރިން ކްލަބަށް ގެންނާނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

ޔުނައިޓެޑުން މިދިޔަ ޖުލައި މަހު ބުނެފައި ވަނީ ކްލަބު ދޫކޮށްލަން ބޭނުންވާ ފަސް ކުޅުންތެރިން ތިބި ކަމަށެވެ. އޭގެ ތެރޭގައި މާކަސް ރަޝްފޯޑުވެސް ހިމެނޭ އިރު، އޭނާ މިވަގުތު ވަނީ ލޯން އެއްބަސްވުމެއްގައި ބާސެލޯނާއަށް ބަދަލުވެފައެވެ. އޭގެ އިތުރުން އެލެހާންޑްރޯ ގާނާޗޯއާއި އެންތަނީ، ޓައިރަލް މަލާސިއާ އަދި ޖޯޑަން ސަންޗޯވެސް ހިމެނެއެވެ.

އެންމެފަހުން ޔުނައިޓެޑުން އާސެނަލާ ދެކޮޅަށް ކުޅެ، 1-0 އިން ބަލިވި މެޗުގައި އެ ހަތަރު ކުޅުންތެރިންވެސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.

"އަހަންނަށް އެނގޭ ކުޅުންތެރިން ގިނައިން ތިބުމަކީ ރަނގަޅު ކަމެއްކަންވެސް. އެހެންވިޔަސް، އެ ކުޅުންތެރިންނަކީ ކްލަބު ދޫކޮށްލަން ބޭނުންވާ ކުޅުންތެރިން. އަހަރެމެން ނުވިސްނަން އެ ކުޅުންތެރިން ކްލަބު ދޫކޮށްލަންދެން މަޑުކޮށްގެން ތިބޭކަށް. ގެންނަން ބޭނުންވާ ކުޅުންތެރިން ގެންނާނެ އެ ކުޅުންތެރިން ކްލަބު ދޫކޮށް ނުލިޔަސް،" އަމޯރިމް ބުންޏެވެ.

ޔުނައިޓެޑުން މިހާތަނަށް ޓްރާންސްފާތަކަށް 200 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ އިރު، އެއީ އެޓޭކިން ކުޅުންތެރިންނަށް ކުރި ހަރަދެވެ. އެގޮތުން އެޓީމުން ވަނީ ބެންޖަމިން ސެސްކޯއާއި މަތެއަސް ކޫންޔާ އަދި ބްރައިން އެމްބުއޭމޯވެސް ކްލަބަށް ގެންގޮސްފައެވެ.

އަމޯރިމް ބުނީ މިހާތަނަށް ގެންދިޔަ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށެވެ.