ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ނިކަމެތިކޮށް، މަޖިލީހުން ބޭރުކޮށްލި ގޮތް މިހާރު އެ މަނިކުފާނު ހަނދާން ނެތިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ރޭ "ވޭކަޕް އަޕް" ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުންގެ އިއްޒަތެއް ކަރާމާތެއް ނެތް ކަމަށާއި އެ މީހުންގެ މިސާލަކީ ކޮށިތަކެއްގައި ގެންގުޅޭ ކުކުޅުތަކެއް ކަމަށެވެ.

"ކުކުޅު ކޮއްޓަށް އަޅާ ކާނާ ކޮޅާ މި މީހުންނާ ހުރި ތަފާތަކީ ކޮބައިތޯ. ހަމަ އެއް ފެންވަރެއްގެ ބައެއް ދެއްތޯ. އިންސާނީ ކަރާމާތް މި ގޮތަށް ޑީގްރޭޑް ކޮށްލަނީ ކީއްވެހެއްޔޭ. ދެން މިވަރު މީހުންނަށް ކިހިނެއްތޯ ވަޒީފާއިން ވަކިވީމަ ދެން އަންނަ ސަރުކާރަކުން ވަޒީފާއެއް ވެސް ދޭނީ. އެބަ އިނގޭ ނަފުސުގެ އިތުބާރެއް ނެތްކަން. ނަފުސުގެ ޝަރަފެއް ނެތް، ނަފުސުގެ އިއްޒަތެއް ނެތް، ނަފުސުގެ ކަރާމާތެއް ނެތް ބައެއް މިއީ،" ޔާމީން ވިދާޅުވެފައިވެއެވެ.

ޔާމީންގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޕީއެންސީގެ ޕީޖީ ލީޑަރުކަން ކުރައްވާ ފަލާހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ މެންބަރުންތަކެއް މަގުމަތީ ގަނަތެޅުވި ކަމަށާއި މެންބަރުން ނިކަމެތިކުރުމުގައި ޔާމީން ވަރުގެ އެހެން ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ.

"ޔާމީނު ހަނދާނަށް ނާންނަނީބާ ވެރިކަމުގަ 18 ވަނަ މަޖިލީހުގައި މެމްބަރުންނާ މެދު ކަންތައް ކުރި ގޮތުން ޕީޕީއެމްގެ 12 މެމްބަރުން ތިންއަހަރު މަގުމަތީ ގަނަތެޅުވިކަން. ތިއަށްވުރެ މެމްބަރުން ނިކަމެތިކުރި ވެރިއެއްނެތް،" 18 ވަނަ މަޖިލީހުގައި ވެސް އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރެއްވި އޭރު އޮތް ޕީޕީއެމްއަށް ނިސްބަތްވާ ފަލާހު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މެންބަރުންނަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ އިހުތިޔާރު ދެއްވައިފައި ކަމަށެވެ.

"އަޅުގަނޑު ބެޓްކޮށްފަ ބުނަން 20 ވަނަ މަޖިލީހުން އަލަށް މި ފާސްކުރާ އަދި އިސްލާހް މިގެންނަ އެއްވެސް ގާނޫނެއް ގޯސްވެގެން ކުރިއަށްއޮތް އެއްވެސް މަޖިލީހަކުން ބަދަލެއް ނުގެންނާނެ" ފަލާހު ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ރައްޔިތުންގެ ހެވާއި ލާބައަށް ކުރައްވަމުންގެންދަވާ މަސައްކަތަށް، ޔާމީނު ފަދަ ބައިތުލްމާލު ދަވާލާފައިވާ އަނިޔާވެރިއެއްގެ ވާހަކަތަކުން ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

"ވެރިކަމުގައި ދައުލަތުން ވަގަށް ނަގާފައިވާ އެތައްސަތޭކަ މިލިއަން ރުފިޔާއެއް ހަލާލު ފައިސާއަށް ހެދޭނެކަމަށް ހީނުކުރައްވާ" ފަލާހު ވިދާޅުވިއެވެ.

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއަށް މީހުން ގެންދިޔުމަށް ޔާމީން ވަނީ ބޮލަކަށް 1،200 ރުފިޔާ ދީފައި ކަމަށާއި ނަމަވެސް ޖަލްސާގެ ދެބައިކުޅަ އެއްބައިގައި ތިބީ ބަންގުލަދޭޝް މީހުން ކަމަށް ފަލާހު ވިދާޅުވިއެވެ.