ޔޫއެފާ ކޮންފަރެންސް ލީގުގެ ކޮލިފިކޭޝަން ކްރިސްޓަލް ޕެލެސްއިން ފްރެޑްރިކްސްޓަޑާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގު ކާމިޔާބު ކޮށްފިއެވެ.

ރޭ ޕެލެސްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައި ޕެލެސްގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖޯން-ފިލިޕް މަޓޭޓާއެވެ.

އެމެޗުގެ ކުރިން އެންމެ ބޮޑު ފޯކަސްއެއް އަމާޒުވެފައި އޮތީ ޕެލެސްގެ އެބެރެޗޭ އެޒޭއަށެވެ. ރޭގެ މެޗުގެ ސްކޮޑުގައި އެޒޭ ހިމަނާފައި ނުވާ އިރު، މެޗަށްފަހު ކޯޗު އޮލިވޭ ގްލަސްނާ ބުނީ، އެޒޭ ކްލަބު ދޫކޮށްލާނެކަން ޔަގީން ކަމަށެވެ.

އެޒޭއަށް ޓޮޓެންހަމްއިން ހުށަހެޅުންތައް ހުށަހެޅި ނަމަވެސް، އޭނާ ވަނީ އެ ކްލަބަށް ދޯކާދީ، އާސެނަލަށް ސޮއިކުރުމަށް އެއްބަސްވެފައެވެ.

"އެޒޭގެ ވާހަކަ އަސްލު ދައްކާކަށް ބޭނުމެއް ނޫން. އެޒޭ ދެން ނުކުޅޭނެ ޕެލެސްއަކަށް. އެޒޭ ދާނެ. ރޭ ނުކުޅޭނެކަން އެންގީވެސް އޭނާ އަމިއްލައަށް. އާ ކްލަބަކަށް އެޒޭ ބަދަލުވާން ވިސްނާފައިވާތީ، ދެން ބޭނުންވަނީ އޭނާއަށް ކާމިޔާބީއަށް އެދެން،" ކޯޗު ގްލަސްނާ ބުންޏެވެ.

ޕެލެސްއިން މިފަހަރު ޔޫރަޕްގެ މުބާރާތްތަކަށް ނުކުންނަނީ 27 އަހަރަށްފަހުއެވެ. އެޓީމުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ހޯދައި، ޔޫރޮޕާ ލީގަށް ކޮލިފައިވި ނަމަވެސް، މަލްޓި ކްލަބު އޯނާޝިޕް މައްސަލައެއްގައި ޔޫއެފާއިން އެޓީމު ކޮންފަރެންސް ލީގަށް ޑީމޯޓް ކުރިއެވެ.

އެ މައްސަލަ ޕެލެސްއިން ކާސްއަށް ހުށަހެޅި ނަމަވެސް، މައްސަލައިގެ އިސްތިއުނާފް ނިމުނީ ޕެލެސްއާ ދެކޮޅަށެވެ.