ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަހުމަދު ޒަރީރު ހަމަޖައްސައިފިއެވެ.

އެފްއޭއެމްއިން ޒަރީރު އެ މަގާމަށް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި އެކްސްކޯ ބައްދަލުވުމުގައެވެ. ޒަރީރު އެކްޓިން ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖެއްސުމުގެ އިތުރުން މިއަދުގެ އެކްސްކޯ ބައްދަލުވުމުން ނިންމާފައިވަނީ އޭނާއަކީ އެފްއޭއެމްގެ އިންޓަނޭޝަނަލް ރިލޭޝަން މެނޭޖަރު ކަމަށެވެ.

ޒަރީރަކީ މީގެ ކުރިން އެފްއޭއެމްގެ އެކްސްކޯގައިވެސް ހިމެނުނު ފަރާތެކެވެ. މިހާރުގެ ރައީސް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) 2016 ވަނަ އަހަރު އެ މަގާމަށް ހޮވިވަޑައިގެންނެވި އިރު، ޒަރީރަކީ އޭރުގެ އެކްސްކޯ މެމްބަރެކެވެ.

ޒަރީރު މީގެ ކުރިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ބޯޑު މެމްބަރުކަންވެސް ކުރައްވާފައިވާ އިރު، އޭނާ އެންމެ ފަހުން އަދާކުރެއްވީ މި ސަރުކާރުން އުފެއްދި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ އޭނާ ހަވާލުވީ އެ މައްސޫލިއްޔަތު ދޫކޮށްލައްވައިފައެވެ.

ޒަރީރަކީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުރުން ވަތަނިއްޔާގެވެސް ސީނިއާ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.