ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް އަހުމަދު ނިޔާޒް (ނިޔާ) ހަމަޖައްސައިފިއެވެ.

ނިޔާއަކީ ކުރިން ރާއްޖޭގެ މަގުބޫލު ފުޓުބޯޅަ ކުޅުންތެރިއެކެވެ. ގައުމީ ފުޓުބޯޅަ ޓީމަށްވެސް ކުޅުނު ނިޔާ ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވީބީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު ވެލެންސިއާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބަށްވެސް ކުޅެފައެވެ. އޭގެފަހުން ކޯޗިންނަށް ނުކުމެ، 2016 ވަނަ އަހަރު ނިއުގެ އެސިސްޓެންޓް ކޯޗަކަށްވެސް ނިޔާ މަސައްކަތް ކުރިއެވެ.

އޭގެފަހުން ފުޓްސަލް ކޯޗިންގައި ނިޔާ ފާހަގަކޮށްލެވޭ އިރު، އޭނާއަކީ އޭއެފްސީ ފުޓްސަލް ލެވެލް އެކެއް ފުރިހަމަކޮށްފައިވާ ކޯޗެކެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް ނިޔާ ގިނަ ރަށްރަށަކަށް ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ ކްލަބު މޯލްޑިވްސްއާއި ޓެކާސް ރިސޯޓް ކަޕްގައިވެސް ޓީމުތަކަށް ކޯޗުކަން ކޮށްދީފައެވެ.

ނިޔާ މީގެ ކުރިން ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗަކަށްވެސް މަސައްކަތް ކޮށްފައިވާ އިރު، މިފަހަރު އޭނާ ޓީމާ ހަވާލުވީ އަންނަ މަހު މިޔަންމާގައި އޮންނަ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ދިވެހި ޓީމު ތައްޔާރުކޮށް، އެ ކޮލިފިކޭޝަންގައި ކޯޗުކޮށްދިނުމަށެވެ.