ފުޓުބޯޅަ އަލުން ނަގައި ކޮޅަށް ޖެހުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބުތަކުން ކުރާ މަސައްކަތްތަކަށް ވިޔަފާރިވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޮޑި ސްޕޯޓްސް ކްލަބުގެ ސެކްރެޓަރީ ޖެނެރަލް އަލީ ޝިފާޒް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އާ އެކްސްކޯ އިންތިހާބުވެ، ސީޒަން ފެށުމަށް އަންނަ މަހުގެ 15 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. ޓީމުތަކުގެ ތައްޔާރީތައްވެސް ފަށާފައިވާ އިރު، އޮޑިން ވަނީ އާ ކޯޗު، އަންދްރޭސް ގާސިއާ މިއަދު އިއުލާނުކޮށްފައެވެ. އެ އިވެންޓުގެ ކުރިން ވާހަކަދައްކަވަމުން ޝިފާޒް ފާހަގަކުރެއްވީ އެފްއޭއެމްގެ އާ އެކްސްކޯގެ މަސައްކަތް ދަނީ ރަނގަޅަށް ކަމަށެވެ.

"އެފްއޭއެމްގެ އެކްސްކޯ އިންތިހާބުވުމަށްފަހު މި ފެނިގެން ދަނީ ކަންކަން ރަނގަޅުކުރުމަށް ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ތަން. އެފްއޭއެމްގެ ރައީސްގެ އިރުޝާދާއެކު އެކްސްކޯއިން ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުންދާތަން ފެނިގެން މިދަނީ. އަތޮޅު މުބާރާތްތަކާއި ރީޖަނަލް މުބާރާތްތައް އިއުލާނުކުރެވި، ލީގު ފަށަންވެސް ތައްޔާރުވެފައި މިއޮތީ. އޮޑި ސްޕޯޓްސް ކްލަބުން އަބަދުވެސް ބުނާ ވާހަކައެއް މިއީ، ފުޓުބޯޅައަށްޓަކައި ފުޓުބޯޅަ އާއިލާއަށް ކޮށްދޭން ޖެހޭ ކޮންމެ ކަމެއްވެސް ކޮށްދޭން ނުކުމެއޭ މި ކްލަބުން މިއޮތީ،" ޝިފާޒް ފާހަގަކުރެއްވިއެވެ.

ޝިފާޒް އިތުރަށް ފާހަގަކުރެއްވީ ކްލަބުތަކުން ކުރަމުންދާ މަސައްކަތުގައި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އަބަދުވެސް އެދެން އަޅުގަނޑުމެންނަށް ސަޕޯޓް ދީގެން މި ކަމުގައި ބައިވެރިވެދިނުން. ހާއްސަކޮށް ވިޔަފާރިވެރިން އެބަ ޖެހޭ މިކަމުގައި އެހީތެރިވެދޭން. އެއީ ފުޓުބޯޅަ މި އަނދަވަޅަށް ވެއްޓުނު އިރު، ކުޅުންތެރިން މިތިބީ ވަރަށް ހާލުގައި. ފުޓުބޯޅައިގެ މަތިން ފޫހިވެސް ވެފައި. އެހެންކަމުން ކުޅުންތެރިން އިތުބާރު ހޯދައިގެން އަލުން ފުޓުބޯޅަ ކޮޅަށް ޖެހޭނީ،" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ ކުޅުންތެރިންގެ ފަރާތުން ފުޓުބޯޅައަށް އިތުބާރު ގެއްލުނީ ފުޓުބޯޅައިން ލިބޭ އުޖޫރަ ނުލިބި، އެހެން ބައެއް ކުޅިވަރުތަކަށް ދާން ޖެހުމުން ކަމަށާއި، އެކަން ހައްލުކުރުމަށް ވިޔަފާރިވެރިންނާއި ކްލަބުތަކާވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

21 އޮގަސްޓް 2025، މާލެ، އޮޑީގެ އާ ކޯޗު އިއުލާނުކުރުމަށް ބޭއްވި ޕްރެސްގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިއަދުގެ ޕްރެސްގައި ޝިފާޒް އިތުރަށް ވިދާޅުވީ އޮޑިން މިހާރު ކުރަމުންދާ މަސައްކަތަކީ ސްކޮޑު ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށާއި، ބިދޭސީ ކުޅުންތެރިންގެ ތެރެއިން ލީގު ކަޕްގައި އެ ޓީމަށް ކުޅުނު މިސްރުގެ އިސްލާމް ފިކްރީ ޓީމުގައި މަޑުކުރާނެ ކަމަށެވެ. އަދި މިހާރު ލިތުއޭނިއާގެ ފޯވަޑަކާއި ގެމްބިއާގެ މިޑްފީލްޑަރެއްގެ އިތުރުން، ނޭޕާލް ގައުމީ ޓީމުގެ ޑިފެންޑަރެއް ޓީމަށް ގެންނަން އެންމެފަހުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.