ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ބުރު ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި އޮޑިން ބުރު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ބޮޑު ބައެއްގައި ދާދި ހަމަހަމަކޮށް ފެނިގެން ދިޔަ މެޗުގައި އޮޑިން ތަފާތު ދެއްކީ ފަހުކޮޅުގައެވެ. މި ސީޒަނުގެ ކަޕް ވިނާސް ކަޕްގައިވެސް އޮޑިއާއި ބުރު ވާދަކޮށްފައިވާ އިރު، އެމެޗުވެސް ކާމިޔާބުކުރީ އޮޑިންނެވެ. މި ސީޒަނުގެ މިހާތަނަށް އޮޑިން އަދި މޮޅުވެފައި ވަނީ ބުރު ކައިރިން އެކަންޏެވެ.
މިއަދުގެ މެޗަށް ނުކުތްއިރު އޮޑިއާއި ބުރުން ލީގުގައި ކުޅުނު މެޗުންވެސް އޮތީ ބަލިވެފައެވެ. ބުރުން ބަލިވެފައި އޮތީ އަލަށް ޕްރޮމޯޓްވި ނޯތު ރީޖަންގެ ޗެމްޕިއަން ހދ. ދިއްދޫ ކައިރިންނެވެ. އޮޑިން ބަލިވީ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެގެންނެވެ.
މިއަދުގެ މެޗުގައި ލީޑު ނެގީ މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އޮޑިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި އޮޑިން ލީޑު ނަގައިދިނީ ކޯނަރަކުން އަހުޒަމް ރަޝީދު (އަހު) ނެގި ބޯޅަ، މުޒްދާން ހަސަން ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އޭގެފަހުންވެސް އޮޑިން ބޮޑަށް ނުރައްކާ ކުރި އިރު، އަހުޒަމް ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރު ހަސަން އަލީފެވެ.
އޭގެފަހުން ހާފުގެ ފަހުކޮޅުގައި ބުރުން ބޮޑަށް ނުރައްކާކުރި އިރު، އެޓީމުގެ އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ހަމަލާ އޮޑީގެ ކީޕަރު މުހައްމަަދު އަޝްވާން މަތަކުރިއެވެ. އަދި އޭގެ ކުރިން ބުރަށް ކުޅޭ ކޮލަމްބިއާގެ ހަރޯލްޑް ޔޯޝުއޯ ފޮނުވާލި ހަމަލާވެސް މަތަކުރީ އަޝްވާނެވެ. ހާފު ނިމެން ދަނިކޮށް ބުރުން މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ އާޖެންޓީނާ ފޯވާޑް، ޖުއާން އެޑުއާޑޯ ލެސްކާނޯއެވެ. އެއީ ކޯނަރަކަށް އަރައި ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅައެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މުޒްދާނާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ހަމަލާގެ އިތުރުން އަހުމަދު އައިހަމް (އައިހު) ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާވެސް މަތަކުރީ ބުރުގެ ކީޕަރު އަލީފެވެ. އޭނާ ވަނީ އޮޑިއަށް ދެވަނަ ފަހަރަށް ލީޑު ނެގިޔަ ނުދީ ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ފަހުކޮޅުގައި އޮޑިއަށް ހިތްވަރު ހޯދައިދިނީ ބަދަލަކަށް ނުކުތް މުހައްމަދު ސަހާއު (ބޭލް) ޖަހައިދިން ގޯލުންނެވެ. 75 ވަނަ މިނެޓުގައި އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ކައިރި ކަނަށެވެ. އަދި އޭގެފަހުން އޮޑީގެ އަނެއް ދެ ގޯލް ޖަހައިދިނީ އަހުޒަމް އަދި އިއްބެއެވެ. އެ ދެ ގޯލްވެސް ފެނުނީ އިތުރު ވަގުތުގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް