ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ގދ. ގައްދޫ ފުޓުބޯޅަ ޓީމު ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗު އޮޑިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިދިޔަ ސީޒަނުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި އޮޑިން މިހާތަނަށް މިވަނީ މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބު ކޮށްފައިވެއެވެ. އެންމެ ފުރަތަމަ އޮޑިން ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ބަލިވި ނަމަވެސް، ދެން އޭގެފަހުން އެޓީމުން ވަނީ މިރޭ ކުޅުނު މެޗާއި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ.

މިރޭގެ މެޗަކީ ގައްދޫން ކުޅުނު ފުރަތަމަ އަވޭ މެޗެވެ. ގައްދޫން ރަށުގައި ހޯމް ތިން މެޗުންވެސް ބަލިވެފައި އޮތް އިރު، އެޓީމަށް އަދި ޕްރިމިއާ ލީގުގައި ޕޮއިންޓެއް ނުލިބެއެވެ. ގައްދޫ މިފަހަރު ފުރަތަމަ ޑިވިޝަނަށް އައީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

އޮޑިން މިރޭގެ މެޗަށް ނުކުތީ އާކޯޗު، ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. ކުރިން 2008 ވަނަ އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ތެއިލާގެ އިރުޝާދުގެ ދަށުން އެޓީމު މިރޭގެ މެޗަށް ނުކުމެފައިވާ އިރު، ލީގުގައި ފުރަތަމަ ކުޅުނު މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯއެވެ. އެހެން ނަމަވެސް، އަމިއްލަ ސަބަބަކާ ހެދި ގްރެގޯރިއޯއަށް ޓީމާ ދުރަށް ދާން ޖެހުނު އިރު، އިންޓަނޭޝަނަލް ބްރޭކްގެ ކުރިން އެންމެފަހުން ކުޅުނު މެޗުގައި އޮޑި ނުކުތީ އެސިސްޓަންޓް ކޯޗު، އަހުމަދު ފައްރާހު (ފައްރަ)ގެ އިރުޝާދުގެ ދަށުންނެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޑޮމިނޭޓް ކުރީ އޮޑިންނެވެ. އެޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ އިރު، ނުވަ ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. އެ ގޯލް ޖަހައިދިނީ އަހުޒަމް ރަޝީދު (އަހު) ނެގި ކޯނަރަކަށް އަރައި، ބްރެޒިލްގެ ފޯވާޑް ހަޑްސަން ޑިއާޒެވެ. އަހު ވަނީ މެޗުގެ 16 ވަނަ މިނިޓުގައި އޮޑީގެ ދެވަނަ ގޯލް ޖަހައިފައެވެ. އެއީ މެދުތެރެއިން މުޒްދާން ހަސަން އެއްފަހަރުން ޖައްސާލި ތުރޫ ބޯޅައަކަށް އަރައި، އޭރިއާތެރެއިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.

ހާފު ނިމުމުގެ ކުރިން އޮޑިން ވަނީ ތިންވަނަ ގޯލްވެސް ޖަހައިފައެވެ. އެއީވެސް މުޒްދާންގެ ޕާހަކުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ގޯލެކެވެ. އިއްބެ ގޯލް ޖެހީ ފުދޭވަރަކަށް ހުސްކޮށް ހުރެ، ފަސޭހަކަމާއެކު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އޮޑީގެ ހަތަރު ވަނަ ގޯލް ދެވަނަ ހާފުގައި ފެނިގެން ދިޔަ އިރު، އެ ގޯލަކީ ބަދަލަކަށް ނުކުތް ޓޮމިސްލޭވް ޓޮޑޮރޮވިޗް ޖަހައިދިން ގޯލެކެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބަދަލަކަށް ނުކުތް މުހައްމަދު ސަހާއު (ބޭލް) އެވެ. ބޭލް ދުއްވާލި ބޯޅަ ޓޮޑޮރޮވިޗް އަމާޒުކޮށްލީ މަތީ ކަނަށެވެ.