އޮޑި ސްޕޯޓްސް ކްލަބުގެ އާ ކޯޗަކަށް ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ލޫސިއާނޯ ތެއިލާ ހަމަޖައްސައިފިއެވެ.

އުމުރުން 45 އަހަރުގެ ތެއިލާއަކީ ޑިފެންޑަރެއްގެ ގޮތުގައި 2008 ވަނަ އަހަރު ރާއްޖޭގެ ވިކްޓްރީއަށް ކުޅުނު ކޯޗެކެވެ. އާޖެންޓީނާއަށް އުފަން ތެއިލާ ވަނީ ކެރިއަރުގައި އާޖެންޓީނާގެ އެކި ޑިވިޝަންތަކާއި ބޮލީވިއާ، ލުބުނާންގެ އިތުރުން ސީރިއާއާއި އިންޑޮނޭޝިއާ ކްލަބުތަކަށްވެސް ކުޅެފައެވެ.

މިދިޔަ ސީޒަނަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނުކުމެ، ކޯޗު އަންދްރެސް ގާސިއާގެ އިރުޝާދުގެ ޕްރެސިޑެންޓްސް ކަޕް ކާމިޔާބުކުރި އޮޑިން މި ސީޒަނަށް ފުރަތަމަ ގެނައި ކޯޗަކީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯއެވެ. އޭނާ ކްލަބު ދޫކޮށްލީ އަމިއްލަ ކަމެއް ދިމާވެގެންނެވެ.

އޮޑި ސްޕޯޓްސްގެ ޖެނެރަލް ސެކްރެޓަރީ އަލީ ޝިފާޒް "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ކޯޗުގެ އާއިލީ ކަމެއް ދިމާވެގެން އެއްބަސްވުން ބާތިލުކޮށްދޭން އެދުމުން އެކަމަށް އިހުތިރާމުކޮށް ކްލަބުން އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށެވެ.

ތެއިލާ މީގެ ކުރިން އޭޝިއާގައި މަސައްކަތް ކޮށްފައި ނުވާ އިރު، އޭނާ އެންމެފަހުން ހުރީ ޔޫއެފާ ކޮންފަރެންސް ލީގުގައި ކުޅެމުންދާ އިޒްރޭލުގެ މެކަބީ ހައިފާގެ އެސިސްޓެންޓް ކޯޗަކަށެވެ. އޭގެ ކުރިން މިދިޔަ އަހަރު ބޮލީވިއާގައިވެސް ތެއިލާ މަސައްކަތް ކޮށްފައިވާ އިރު، އޭނާ ވަނީ ޕެރޫއާއި ޕެރަގުއާއީ އަދި އާޖެންޓީނާ ކްލަބުތަކުގައިވެސް މަސައްކަތް ކޮށްފައެވެ.

ޔޫއެފާ ޕްރޯގެ އިތުރުން ދެކުނު އެމެރިކާގެ ކޮންމެބޯލް ޕްރޯ ލައިސަންސްވެސް ހާސިލުކޮށްފައިވާ ތެއިލާ މިހާރު ޓީމާ ގުޅިފައިވާ ކަމަށް އޮޑި ސްޕޯޓްސް ކްލަބުން ބުނެފައިވެއެވެ.